ހދ. ކުޅުދުއްފުށީ ކުޅި "ގުރުބާން" ކުރުން ވަގުތުން ހުއްޓާލުމަށް ޖަމިއްޔާތަކުން އެރަށު ކައުންސިލަށް ގޮވާލައިފިއެވެ.
ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމިއްޔާތަކެއްވެސް ހިމެނޭ ގޮތަށް ކުޅުދުއްފުށީ ކައުންސިލަށް ފޮނުވާފައިވާ ސިޓީ ގައި ބުނެފައިވަނީ ކުޅުދުއްފުށީ ކުޅި ހިއްކުމަށް ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގެ އިމުގެ ބޭރުން ކުރާކަމެއް ކަމަށާއި ކުޅިހިއްކުމަކީ އެރަށުގެ ރައްޔިތުންނަށް އޭގެ މަންފާ ފައިސާއިން އަގު ނުކުރެވޭވަރުގެ ގެއްލުން އޭގެން ލިބެމުންދާތީ ވަގުތުން ވަގުތަށް އެމަސައްކަތް ހުއްޓާލުމަށެވެ.
މިގޮތަށް ކުޅުދުއްފުށީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ހަތް ޖަމިއްޔާއަކީ އީކޯކެއރ، އެމްޑީއެން، ބުލޫޕީސް، ފްރެންޑްސްއެއިޑް، ވޮއިސްއިފްވިމެން އަދި އުތެމައެވެ.
ކުޅުދުއްފުށީ ކުޅި ހިއްކުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެ ހަތް ޖަމިއްޔާތަކުން ވަނީ ނުވަ ކަމެއް ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި:
- ކުޅި ހިއްކަން ފެށިފައިވަނީ ކުޅިހިއްކުމާބެހޭ ތިމާވެށީގެ ރިޕޯޓުގައި ކަންކުރަންވީގޮތް ކަނޑައެޅިފައިވާ ގޮތާ މުޅިން ޚިލާފަށްކަމުގައިވުން،
- ކުޅި ހިއްކަން ފެށިފައިވަނީ ތިމާވެށީގެ ރިޕޯޓުގައިވާގޮތަށް، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަރުހަލާއަށް ތަން ނުދީކަން،
- ކުޅިއަކީ އެރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށްވުން،
- ސުނާމީ ފަދަ ކާރިސާއެއް ދިމާވެއްޖެނަމަ އެރަށަކީ "ހައި ރިސްކް ޒޯން" ގައިވާ ރަށެއްކަމުގައި ވުން،
- ކުޅިއަކީ ޚާއްސަ ސިފަތަކެއް ލިބިފައިވާ ގައުމީ ތަރިކައަކަށް ވުން،
- ރަށަށް އަދި ކައިރީގައިވާ ރަށްތަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެކަން،
- ޒަމާނީ ތަރައްގީ އަކީ ކުޅި ނައްތާލައިގެން ގެނެވޭނެ އެއްޗެއްކަމަށް ކައުންސިލްގެ ރައީސްގެ ވާހަކައިން ދޭހަވެފައިވާތީ ހިތާމަ ފާޅުކުރާކަން،
- އެއާޕޯޓެއް އެޅުމުން މީހުން މާލެ ހިޖުރަކުރަން މަދުވާނެކަމަށް ކައުންސިލުގެ ވިސްނުމުގައި ވާތީ ކަންބޮޑުވުން ފާޅުކުރުން،
- ކުޅިހިއްކައިގެން އެތަކެއް ވަޒީފާތަކެއް އުފެދިގެންދާނެކަމަށް ވިދާޅުވަމުންދާތީ އެކަމުގެ ކަންބޮޑުވުން.
އެޖަމިއްޔާތަކުގެ މިބަޔާނުގައި ވަނީ ގާނޫނީ އިމުގެތެރޭގައި ކަންކުރުމަށާއި އަދި ރަށުން ބޭރުގެ ރައްޔިތުން މި ކަމާއިބެހޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ކުޅުދުއްފުށީ ކައުންސިލުން ޖަވާބުދާރީވުމަށް އިލްތިމާސްކުރާ ކަމަށެވެ.