ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް އުރުގުއާއީގެ ފޯވާޑް އެޑިންސަން ކަވާނީ ޖަހައިދިން 100 ވަނަ ލަނޑާއެކު، ފްރެންޗް ލީގުގައި އެންގަރސްގެ މައްޗަށް ބޮޑު ތަފާތަކުން ޕީއެސްޖީ ކުރި ހޯދައިފި އެވެ.
ފްރެންޗް ލީގު ވަންގައި ރަށުން ބޭރުގައި އެންގަރސްގެ މައްޗަށް ޕީއެސްޖީ ކުރިހޯދީ ފަސް ލަނޑު ސުން ލަނޑުންނެވެ.
މިމެޗުގެ ފަސްވަނަ މިނެޓުގައި ޕީއެސްޖީ އަށް ކުރިހޯދައިދިނީ ފްރާންސްގެ 18 އަހަރުގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. އޭގެ ނުވަ މިނެޓު ފަހުން ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރ ޖޫލިއަން ޑްރެޒްލާ އެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު، 30 ވަނަ މިނެޓުގައި ޖަހައިދިނީ އެޑިންސަން ކަވާނީ އެވެ. މިއީ ފްރެންޗް ލީގުގައި ޕީއެސްޖީ އަށް ކަވާނީ ޖަހައިދިން 100 ވަނަ ލަނޑެވެ.
މިލަނޑާއެކު، ތިން ލަނޑު ސުން ލަނޑުން ޕީއެސްޖީ ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި ޕީއެސްޖީން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ.
60 ވަނަ މިނެޓުގައި ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ކަވާނީ ޖަހައިދިންއިރު، މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީގެ ފަހު ލަނޑު ޖަހައިދިނީ އެމްބާޕޭ އެވެ.
މިމެޗުގައި ޖެހި ދެ ލަނޑާއެކު، މިސީޒަނުގައި ލީގުގައި ކުޅުނު 11 މެޗުގައި ކަވާނީ ޖެހި ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.
މިމެޗަށް ޕީއެސްޖީ ނުކުތީ 300 މިލިއަން ޕައުންޑުގެ ރެކޯޑް އަގަކަށް އެކްލަބާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ ނުލައެވެ. ނޭމާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާއިރު، ދާދި ފަހުން ދަރިޔަކު ލިބުނު ޕީއެސްޖީގެ ދެ ކުޅުންތެރިން ކަމަށްވާ މާކީނިއޯސް އަދި އެންޚެލް ޑި މަރިއާ ވެސް ރޭގެ މެޗުގައި ނުކުޅެއެވެ.
ފްރެންޗް ލީގުގައި ކުޅުނު 12 މެޗުން 32 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ފްރެންޗް ލީގު ތާވަލްގެ ކުރީގައެވެ. ލީގުގައި ކުޅުނު އެއްވެސް މެޗަކުން ޕީއެސްޖީ ބަލިވެފައިނުވާއިރު، ލީގު ތާވަލްގެ ދެވަނާގައިވާ މޮނާކޯ އާއި ދެމެދު 4 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި ގުއިންގެންޕް އަތުން ހަ ލަނޑު ސުން ލަނޑުން މޮޅުވެ، މޮނާކޯ ވަނީ 28 ޕޮއިންޓް ހަމަކޮށްފަ އެވެ.