ޕަކޯ އަލްކެސާގެ ދެލަނޑާއެކު، ބާސެލޯނާ އިން ސެވިއްޔާ ބަލިކޮށް، ސްޕެނިޝް ލަލީގާގެ ތާވަލްގެ ކުރީގައިވާ ލީޑު ދަމަހައްޓައިފި އެވެ.
ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ސެވިއްޔާގެ މައްޗަށް ބާސެލޯނާ ކުރިހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ.
މިމެޗުގެ 23 ވަނަ މިނެޓުގައި އުރުގުއާއީގެ ފޯވާޑް ލުއިސް ސުވަރޭޒް ދިން ބޯޅައަކުން ބާސެލޯނާ އަށް ކުރި ހޯދައިދިނީ 24 އަހަރުގެ ފޯވާޑް ޕަކޯ އަލްކެސާ އެވެ.
މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފް ފެށިގެން 14 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. 59 ވަނަ މިނެޓުގައި މިލަނޑު ސެވިއްޔާ އަށް ޖަހައިދިނީ ގުއީޑޯ ޕިޒާރޯ އެވެ.
އޭގެ ހަ މިނެޓު ފަހުން އިވާން ރަކިޓިޗްގެ ހުރަހަކުން ބާސާ އަށް ދެވަނަ ފަހަރަށް ކުރިހޯދައިދީ، މިމެޗުން ބާސާ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން އަލްކެސާ އެވެ. މިއީ ބާސެލޯނާ އަށް މިސީޒަނުގައި ކުޅުނު ފަސް މެޗުގައި އަލްސަސާ ޖެހި ތިންވަނަ ލަނޑެވެ.
ބާސެލޯނާ އަށް 600 ވަނަ މެޗު ކުޅެދިން މެސީ، މިމެޗުގައި މޮޅަށް ކުޅެ ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި މެސީގެ ހުރަހަކަށްވީ ސެވިއްޔާގެ ގޯލްކީޕަރު ޑޭވިޑް ސޮރިއާ އެވެ.
މީގެ އިތުރުން ބާސެލޯނާގެ އަލްކެސާ އަދި ޑިފެންޑަރ ޖެރާޑް ޕީކޭ ފޮނުވާލި ހަމަލާއެއް ވަނީ ބޭކާރުވެފައެވެ.
މިމެޗުގައި ސެވިއްޔާ އަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުޞަތު ލިބި ބޭކާރުވިއެވެ. އެގޮތުން ލުއިސް މުރިއެލް ދުރުން ފޮނުވާލި ބާރު ދެ ހަމަލައެއް ބާސާގެ ގޯލްކީޕަރު މާކް އަންދްރޭ ޓަރ ސްޓެގަން ވަނީ ދިފާއު ކޮށްފައެވެ.
މިމޮޅާއެކު ބާސާ ވަނީ ސްޕެނިޝް ލީގުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. ލީގުގައި ބާސާ ކުޅުނު 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ލީގު ތާވަލްގެ ދެވަނާގައިވާ ވެލެންސިއާ އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ތިންވަނާގައިވާ އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. މިތިން ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލްގެ ހަތަރުވަނާގައިވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 20 ޕޮއިންޓް ލިބިފައިވާއިރު، 19 ޕޮއިންޓާއެކު ފަސްވަނާގައި ވަނީ ސެވިއްޔާ އެވެ.
ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު ރެއާލް މެޑްރިޑް ނުކުންނާނީ ލަސް ޕަލްމާސް އާއި ދެކޮޅަށެވެ.
ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު، ލެގާނޭސްގެ މައްޗަށް އަމިއްލަ ދަނޑުގައި ވެލެންސިއާ ކުރި ހޯދީ ތިން ލަނޑު ސުން ލަނޑުންނެވެ. ރަށުން ބޭރުގައި ޑިޕޯޓިވޯ ލަ ކޮރޫނާގެ މައްޗަށް އެތުލެޓިކޯ މެޑްރިޑް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. އެސްޕަނިޔޯލްގެ މައްޗަށް އަމިއްލަ ދަނޑުގައި އަލާވޭސް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ.