ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި އަދި ޚާރިޖީ ސިޔާސާތު ގެންގުޅޭ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް އިންޑިއާ އާއި އެމެރިކާއިން މަޝްވަރާކޮށްފިއެވެ.
އިންޑިއާގެ ޚާރިޖިއްޔާގައި އޮތް ބައްދަލުވުމެއްގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ. އެގޮތުން ސިޔާސީ ހައްޔަރީންގެ މައްސަލަ އާއި ރައީސް ނަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރެވޭ ޝަރީޢަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނަގަން އުޅުނު ވޯޓު ހުއްޓުވުމަށް މަޖިލީހުގެ އިދާރާއަށް ސިފައިން ވެއްދި މައްސަލަވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމުގެ މައްސަލައިގައި ވެސް އެ ދެޤައުމުން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން އައިއެސްގެ ބާރު މިހާރު ކެނޑެމުންދާއިރު، އައިއެސްގެ ހަނގުރާމަވެރިން އަނބުރާ އެމީހުންގެ ޤައުމުތަކަށްދާން ފަށާފައިވާއިރު، އޭގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ ދިވެހިންގެ ދުއިސައްތައެއްހާ މީހުން ހިމެނޭކަމާއިމެދު ކަންބޮޑުވާކަމަށް އިންޑިއާއާއި އެމެރިކާއިން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި ބައިވެރިވި އެމެރިކާގެ ޑިޕްލޮމޭޓުންގެ ވެރިޔަކަށް ހުންނެވީ ލަންކާއަށާއި ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕްއެވެ. އެމެރިކާ ވަފުދުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުންދާ މައްސަލައިގައި ވާހަކަ ދައްކާފައެވެ. އެގޮތުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވާ މައްސަލައިގައި އެމެރިކާއިން ކަންބޮޑުވުން ފާޅުކުރިއެވެ. އެހެން ނަމަވެސް މިމައްސަލައިގައި އިންޑިއާގެ ކަންބޮޑުވުންތަކެއް ހުރިކަން ނުވަތަ ނޫންކަން އިންޑިއާގެ ޚާރިޖިއްޔާއިން ކަށަވަރުކޮށް ނުދޭ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
އިންޑިއާއިން ރާއްޖޭގެ މަސްރަހާއި ބެހޭ ގޮތުން ފަހަކަށް އައިސް އެއްޗެކޭ ބުނެފައިނުވާއިރު، 2015ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުވަނީ ކެންސަލް ކުރައްވާފައެވެ. އަދި އޭގެ ފަހުގައި އެދަތުރުފުޅު އަލުން ކުރެއްވުމަށް ނިންމަވާފައިނުވަނީ ދެޤައުމުގެ ގުޅުން އަދިވެސް ގޯސްވުމުންކަމަށް އިންޑިއާގެ ނޫސްވެރިން ދެކެއެވެ. އަދި ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ކަންކަމަށް ފަހު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެން، އެޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުން، އެކަމުންވެސް ދެޤައުމުގެ ގުޅުން ގޯސްވެފައިވާކަން ދޭހަވާކަމަށް ނޫސްވެރިން ބުނެއެވެ.
އިންޑިއާއާއި އެމެރިކާއިން ރާއްޖޭގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި ގުޅިގެން އިންޑިއާގެ 'ދަ ހިންދޫ' ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން ރާއްޖެއާއިމެދު ގެންގުޅެނީ ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށާއި، ރާއްޖޭގެ ދާޚިލީ ކަންކަމާއި ނުބެހުމަށް އެހެން ޤައުމުތަކަށް މީގެކުރިންވެސް ގޮވާލާފައިވާނެކަމަށެވެ.