ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީގެ ކުއްލި އިސްތިއުފާ އަކީ، އެސަރަހައްދުގެ ހަމަޖެހުން ނަގާލައި، މެދުއިރުމަތި ހަލަބޮލި ކޮށްލުމުގެ ރޭވުމެއް ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.
އީރާނުގެ ރޫހާނީ ލީޑަރުގެ މުޝީރަކާ ހަވާލާދީ ބީބީސީން ވަނީ، ސާދް ހަރީރީގެ އިސްތިއުފާ އަކީ، ސަރަޙައްދު ހަލަބޮލި ކޮށްލުމަށް އެމެރިކާ އަދި ސައުދީ އަރަބިއްޔާ އަޑީގައި އޮވެގެން ރާވާފައިވާ ރޭވުމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ސައުދީ އަރަބިއްޔާގައި ހުންނަވައި، ޓީވީ މެދުވެރިކޮށް އިސްތިއުފާ އިޢުލާން ކުރައްވަމުން ލުބުނާނުގެ ބޮޑުވަޒީރު ސާދް ހަރީރީ ވަނީ، ލުބުނާން ހިމެނޭ ގޮތަށް އެސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި ސާދް ހަރީރީ ވަނީ އޭނާގެ ހަށިކޮޅަށް ނުރައްކާވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށާއި، އިސްތިއުފާ ދެއްވުމަށް ނިންމެވީ ފުރާނަ އަށް ނުރައްކާ ވުމުގެ ބިރު އޮތުމުން ކަމަށެވެ.
ސާދް ހަރީރީގެ އިސްތިއުފާ އާއި ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ މުޝީރު ހުސެއިން ޝެއިޚް އަލް އިސްލާމް ވިދާޅުވީ، ހަރީރީގެ އިސްތިއުފާގެ ރޭވުމުގެ ފަހަތުގައި ތިއްބެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީ އަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ކަމަށެވެ.
މީގެ އިތުރުން، ސާދް ހަރީރީގެ އިސްތިއުފާގެ މަޤްޞަދަކީ ލުބުނާނާއި އެސަރަޙައްދުގެ ހަމަޖެހުން ނަގާލައި، އެސަރަޙައްދުގައި ހަލަބޮލިކަން އުފެއްދުން ކަމަށް އީރާނުގެ ޚާރިޖިއްޔާގެ ތަހުޖަމާނު ބަހްރަމް ޤަސޭމީ ވިދާޅުވެފައިވާ ކަމަށް އީރާނުގެ ރަސްމީ އިރްނާ ނިއުސް އޭޖެންސީ ބުނެއެވެ.
އީރާނާއި ގުޅޭ ގޮތުން ހަރީރީ ކުރައްވާފައިވާ ތުހުމަތުތަކަކީ އަސްލެއް، ހަޤީޤަތެއް ނެތް އަދި ވުޖޫދުގައިވެސް ނެތް ތުހުމަތުތަކެއް ކަމަށާއި، ސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ އިޒްރޭލާއި އެމެރިކާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކާއި ހަރީރީ ގުޅިވަޑައިގަންނަވާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހަރީރީގެ އާއިލާ އަކީ ސައުދީ އަރަބިއްޔާ އާއި ގާތް ގުޅުމެއް އޮންނަ އާއިލާއެކެވެ. 2016 ވަނަ އަހަރުން ފެށިގެން ލުބުނާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ސާދް ހަރީރީ ވަނީ، 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ ޖޫމް މަހާއި ދެމެދުވެސް ލުބުނާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.
މީގެ އިތުރުން ސާދް ހަރީރީގެ ބައްޕާފުޅު ރަފީކް ހަރީރީ ވަނީ ދެފަހަރެއްގެ މަތީން ގިނަ ދުވަސްތަކެއް ވަންދެން ލުބުނާނުގެ ބޮޑުވަޒީރުގެ މަގާމް އަދާކުރައްވާފައެވެ. ރަފީކް ހަރީރީ ލުބުނާނުގެ ބޮޑުވަޒީރުގެ މަގާމް ފުރަތަމަ އަދާކުރައްވާފައިވަނީ 1992 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ން 1998 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން 2000 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ން 2004 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ލުބުނާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވީ ރަފީކް ހަރީރީ އެވެ.
ސައުދީ އަރަބިއްޔާގައި ހުންނަވައި، ޓީވީ މެދުވެރި ކުރައްވައި އިސްތިއުފާ އިޢުލާން ކުރައްވަމުން ސާދް ހަރީރީ ވަނީ، އެސަރަޙައްދުގެ މާހައުލު މިވަގުތު އޮތީ، ހަރީރީގެ ބައްޕާފުޅު ރަފީކް ހަރީރީ 2005 ވަނަ އަހަރު އަވަހާރަކޮށްލުމުގެ ކުރީގައި އޮތް ފަދަ ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ސާދް ވިދާޅުވި އެވެ.
ސާދް ހަރީރީގެ ބައްޕާފުޅު އަދި ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް ހަރީރީ ވަނީ 2005 ވަނަ އަހަރު އަވަހާރަކޮށްލާފައެވެ. ރަފީކް ހަރީރީ އަވަހާރަކޮށްލާފައިވަނީ ލުބުނާނުގެ ބެއިރޫތުގައި 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައެވެ.
ރަފީކް ހަރީރީ އަވަހާރަކޮށްލާފައިވަނީ އީރާނުން މަދަދުދޭ ލުބުނާނުގެ ޝިޢައީންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޙިޒްބުﷲ އިން ދިން ހަމަލާއެއްގައި ކަމަށް ތުހުމަތު ކުރެވެއެވެ.
ލުބުނާނުގެ ބޮޑުވަޒީރުގެ މަގާމުން ސާދް ހަރީރީ އިސްތިއުފާ ދެއްވުމުގެ ކުރިން ސައުދީ އަރަބިއްޔާ އަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ. ހަރީރީ އިސްތިއުފާ ދެއްވާފައިވަނީ އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރެއް ކަމަށްވާ އަލީ އަކްބަރު ވެލަޔާތީ އާއެކު ބެއިރޫތުގައި ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.