ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރު ވަން ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ދޮޅު އަހަރުކުރިން ދެއްކި ވާހަތަކަށް ފަހު، ރައީސް ޔާމީންގެ އެކައުންޓަށް އެފައިސާ ވަދެފައި ނުވާކަމަށް ޕްރެސް ސެކްރެޓަރީ އިބްރާހިމް މުއާޒް އަލީ ވިދާޅުވިކަން މުއާޒް ހަނދުމަ ނެތިއްޖެއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީއިން ބެލިކަން ހާމަވުމާއި ގުޅިގެން، އެކަން އޭރު މުއާޒް ދޮގުކުރައްވާފައިވާއިރު މިހާރު އެފައިސާ ރައީސް ޔާމީން އަނބުރާ ދައުލަތަށް ދެއްކެވިތޯ ރާއްޖެ.އެމްވީއިން ސުވާލު ދެންނެވުމުން މުއާޒް އެންމެ ފުރަތަމަ ސުވާލު ކުރެއްވީ އޭނާ އެކަން ކުރިން ދޮގުކުރެއްވިތޯއެވެ. އަދި އެކަން ދޮގުކުރެއްވިކަމަށް ރާއްޖެ.އެމްވީއިން ދެންނެވުމުން މުއާޒް ވިދާޅުވީ ދޮގުނުކުރައްވާކަމަށާއި، އެވާނީ އެހެން ވާހަކަޔަކަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން މީގެ ކުރިން ކޮމެންޓް ވެސް ނުކުރައްވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ވަދެފައިވާކަމަށް ދެކެވުނު ވާހަކަ ކުރިން ތަރުޖަމާނުވަނީ ދޮގުކުރައްވާފައެވެ.
ރައީސް ޔާމިންގެ އެކައުންޓަށް 2015ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެ ދުވަހެއްގެ މަތިން 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ އޭސީސީ އިން ވަނީ ބަލާފައެވެ. އަދި އެމައްސަލައިގައި ސުވާލުކުރަން ޖެހޭ ބައެއް މީހުން ރާއްޖޭގައި ނެތުމުން އެމައްސަލަ ފައިލް ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެމްޑިޕީގެ ކުރީގެ ޗެއަރޕާރސަން އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވިއަށް އެކަމަށް މަޢާފަށް އެދުމަށް އަންގައި، އެޕްރޮގްރާމް ދެއްކުން މަނާކޮށްފައެވެ.