މިނިސްޓްރީ އޮފް ހެލްތުން 600 އަށް ވުރެ ގިނަ ނަރުހުން ހޯދުމަށް އިއުލާން ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިމަހުގެ 2 ވަނަ ދުވަހު ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ސިއްޙީ ހިދުމަތް ދޭ ތަންތަނަށް 631 ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ.
ހެލްތުން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއީ ދާއިމީ މަގާމުތަކެއް ކަމަށާއި ނަރުހުންނަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި 5،610ރ. އަދި ސާވިސް އެލަވަންސަށް މަހަކު 2،500ރ. ލިބޭނެ ކަމަށެވެ.
ހެލްތުން ބުނީ ނަރުހުންގެ މަގާމަށް އެދޭ މީހުން މި މަހުގެ 15 ގެ ކުރިން، އެ ވަޒީފާ އަށް އެދޭ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު އެކި ދާއިރާތަކުން 160 ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އެ މިނިސްޓްރީން މިމަހުގެ ދެވަނަ ދުވަހު ވަނީ 13 ދާއިރާއަކުން ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންސަލްޓަންޓް އިން މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސަރޖަރީ އަދި ޕީޑިއެޓްރިކްސްއެވެ. އަދި ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ އަދި އޮފްތަލްމޮލޮޖިސްޓުން ވެސް ހިމެނެ އެވެ.
ޑޮކްޓަރު ކަމުގެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތަކާ އެކު މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެ ފަރާތަކުން އެދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ.