ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 18:15
ލިއޮނެލް މެސީ: މިރޭ ކުޅޭ މެޗަކީ އޭނާ ބާސާއަށް ކުޅޭ 600 ވަނަ މެޗު
ލިއޮނެލް މެސީ: މިރޭ ކުޅޭ މެޗަކީ އޭނާ ބާސާއަށް ކުޅޭ 600 ވަނަ މެޗު
ގެޓީ އިމޭޖަސް
ލިިއޮނެލް މެސީ
މެސީ ބާސާއަށް ކުޅެދޭ 600 ވަނަ މެޗަށް ނުކުންނަނީ
މެސީއަކީ ބާސާއަށް ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ
މިހާތަނަށް ސެވިއްޔާއާ ދެކޮޅަށް ކުޅުނު 20 މެޗުގައި އޭނާ ވަނީ 29 ލަނޑު ބާސާއަށް ޖަހައިދީފައި

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބާސެލޯނާއަށް ކުޅެދޭ 600 ވަނަ މެޗަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

މީގެ 13 އަހަރު ކުރިން 2004 ވަނަ އަހަރު ބާސާއަށް ފުރަތަމަ މެޗު ކުޅެދިން މެސީ ބާސާގެ ޖާޒީގައި އޭނާ ކުޅޭ 600 ވަނަ މެޗުގައި ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. މެސީއަށް ވުރެ ގިނައިން ބާސާއަށް މެޗު ކުޅެދިން ހަމައެކަނި ކުޅުންތެރިންނަކީ އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒްއާ މިހާރުގެ ކެޕްޓަން އަންދަރޭސް އިނިއެސްޓާއެވެ. އެގޮތުން ޒަވީ އެ ޓީމަށް 767 މެޗު ކުޅެފައިވާއިރު އިނިއެސްޓާ ވަނީ މިހާތަނަށް 642 މެޗު އެ ޓީމަށް ކުޅެދީފައެވެ. މެސީއަކީ 523 ލަނޑާއެކު އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. މެސީ ތާރީހުން އަނެއްކާވެސް ޖާގައެއް ކަށަވަރުކުރާއިރު އޭނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަލްވާޑޭ ބުނެފައި ވަނީ 600 ވަނަ މެޗާ މެސީ ކުރިމަތިލާއިރު އޭގެ ކުރިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އޭނާ ދައްކާފައިވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށެވެ. މެސީ ތަނަވަސް ކޮށްދޭ ފުރުސަތުތަކާ ޖަހަމުންދާ ލަނޑުގެ އަދަދަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށާއި އޭނާގެ ހުނަރު ކިޔައިދޭން ވެސް ނޭގޭ ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ. ހަމައެހެންމެ މިކަމުން ދައްކުވައި ދެނީ މެސީއަކީ ބާސާއަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އަދި އޭނާ ކަހަލަ ކުޅުންތެރިޔެއް ދެން ދުވަހަކު ވެސް ނާންނާނެ ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ.

މެސީ ސެވިއްޔާއާ ދެކޮޅަށް ނުކުންނައިރު މިހާތަނަށް ސެވިއްޔާއާ ދެކޮޅަށް ކުޅުނު 20 މެޗުގައި އޭނާ ވަނީ 29 ލަނޑު ބާސާއަށް ޖަހައިދީފައެވެ. މެސީ އެއް ޓީމަކާ ދެކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ޓީމަކީ ވެސް ސެވިއްޔާއެވެ. އެހެނަސް ވަލްވާޑޭ ބުނެފައިވަނީ މިފަހަރުގެ މެޗު ފަސޭހަ ނުވާނެ ކަމަށާއި ސެވިއްޔާއިން ވެސް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

އެގޮތުން ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރީޒޯ ސެލްޓަ ވީގޯގެ ކޯޗުކަމުގައި ހުރި އިރުވެސް ބާސާއަށް ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް އޭނާ ނެރުނު ކަމަށާއި އެ ޓީމުން ވަރަށް ބޮޑަށް ޕްރެޝަރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ވަލްވާޑޭ ވަނީ ބާސާގެ ޑިފެންސަށް ވެސް ތައުރީފު ކޮށްފައެވެ. އެ ޓީމު ލަލީގާގައި މިހާތަނަށް ކުޅުނު 10 މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ.

ވަލްވާޑޭ ބުނެފައިވަނީ ގޯލްކީޕަރުންގެ ފަރާތުން އަބަދުވެސް ކުށް ފެންނަ ކަމަށާއި އެމީހުން ފަރާތުން ކުށެއް ނުފެނުނު ކަމުގައި ވިޔަސް ޓީމުގެ ކޮޅަށް ލަނޑެއް ވަދެއްޖެ ނަމަ އަބަދުވެސް މީހުންގެ އިގިލި އަބަދުވެސް އަމާޒު ވާނީ ކީޕަރާ ދެކޮޅަށް ކަމަށެވެ. އެހެނަސް އެ ޓީމުގެ ކީޕަރު ޓާ ސްޓީޖެން މި ސީޒަނުގައި ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އޭނާއަކީ ބާސާގެ ކުޅުން ފައްޓުވައިދޭ ކުޅުންތެރިޔާ ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

މެސީ ބާސާއަށް ކުޅެދޭ 600 ވަނަ މެޗުގައި އެ ޓީމު ސެވިއްޔާއާ ދެކޮޅަށް ނުކުންނާނީ މިރޭ ރާއްޖެ ގަޑިން 12.45 ގައެވެ.

- ކޮމެންޓް