އައްޑޫ ސިޓީގައި އެންމެ ގިނަ ދުވަސްވީ ވިޔަފާރި ގުރޫޕު ކަމަށްވާ، މަލްޓި ގުރޫޕުން އައްޑޫ ސިޓީ ހިތަދޫގައި ސުޕަމާޓެއް ހުޅުވައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި ހުންނަ މި ސުޕަމާޓް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.
މަލްޓި ގުރޫޕްގެ ވިޔަފާރީގެ ތެރެއިން އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތަށް މަލްޓި ޝޮޕް މީގެ ކުރިން އައްޑޫގައި ހިންގަމުން ކުޑަ ފިހާރައެއްގެ ގޮތުގަ އެވެ. ނަމަވެސް އަލުން އާ އިމާރާތެއްގައި ދެ ފަންގި ފިލާ ހިމެނޭ ގޮތަށް ހުޅުވި މަލްޓި ސުޕަމާޓަކީ ގިނަ ބާވާތެއްގެ ތަކެތި އެއްތަނަކުން ލިބޭނެ ގޮތައް ހުޅުވި ފިހާރަ އެކެވެ.
މަލްޓި ސުޕަމާޓްގެ ޖެނަރަލް މެނޭޖަރ އަހްމަދު ހިސާމް ރާއްޖެއެމްވީއަށް ވިދާޅުވީ މަލްޓި ސުޕަމާޓް ފަރުމާ ކޮށްފައިވާނީ އާންމު މީހުނަށް އެންމެ ފަސޭހައިން ވިޔަފާރި ކޮށްލެވޭނެ ގޮތަށް ކަމަށެވެ.
" މުޅި ކޮންސެޕްޓް ޑިވްލޮޕްވެގެން އައިރު ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަސްޓަރ އެކްޕީރިއަންސް އަށް. އަޅުގަނޑެން ބޭނުންވަނީ ކަސްޓަމަރުނަށް ވީހާ ވެސް ފަސޭހައިން ލުޔި ގޮތަކަށް ވިޔަފާރި ކުރެވިގެން އަންނަތަން ފެންނަން،" ހިސާމް ވިދާޅުވި އެވެ.
މަލްޓި ސުޕަމާޓުގެ ބޭނުމަކީ ކޮލެޓީ ރަނގަޅު މުދާ މާލެއިން ގަތުމަށް ކުރާ ހޭދަ ކުޑަކޮން ރަނގަޅު ފެންވަރުގެ މުދާ އައްޑޫ ސިޓީން ލިބިގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކީ އަބަދުވެސް ރަނގަޅު އަގުގައި ކޮލެޓީ ކޮމްޕޮރަމައިޒް ނުކޮށް ފޯރުކޮށްދިނުން. އެންމެ ލޯވެސްޓް ކޮލެޓީގެ އެއްޗިއްސެއް ނޫން، އެކަށީގެންވާ އަގެއްގައި ކޮލެޓީގައި ރަނގަޅު އެއްޗި ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
މި ސުޕަމާޓުގައި 40 މުވައްޒަފުން މަސައްކަތް ކުރާއިރު ވަޒީފާގެ ފުރުސަތު އިތުރުވާނެހެން ވިޔަފާރި އިތުރަށް ފުޅާވެގެން ދިއުމަކީ ކުރާ ބޮޑު އުއްމީދެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހާޑުވެއާ ސާމާނުގެ ވިޔަފާރި ފުޅާކޮށް ރާއްޖެއިން ބޭރުގެ މަޝްހޫރު ބްރޭންޑްތައް ގެނެއުމަކީ އެއް އަމާޒު ކަމަށް ވެސް ހިސާމް ވަނީ ވިދާޅުވެފަ އެވެ.
މަލްޓި ސުޕްމާޓްގައި ކާބޯތަކެތީގެ ގިނަ ބާވާތްތައް ހުރިއިރު ރީތިވާ ސާމާނާއި ސްކޫލުކުދިންނަށް ބޭނުންވާ ސާމާނުގެ އިތުރުން ގޭތެރޭ ހިފާ ގެންގުޅޭ ގިނަ ސާމާނު ލިބެން ހުރެ އެވެ.
ހިސާމް ދެކެވަޑައިގަންނަވާ ގޮތުގައި އާއިލާއިން ހިންގަމުން އަންނަ މި ވިޔަފާރި ކަމިޔާބުކަމާ އެކު ފުޅާވެގެން ދިއުމުގެ އެންމެ ބޮޑު އަސްލަކީ އާއިލާގެ ތެރެއިން ލިބެމުންދާ އެއްބާރުލުމެވެ.
އައްޑޫ ސިޓީގައި މަލްޓި ފިހާރަ ހިންގަމުން އަންނަތާ 25 އަހަރުވެއްޖެ އެވެ. އަދި އާންމުންގެ ބޮޑު ތާއީދެއް މަލްޓި ވިޔަފާރިއަށް ލިބެމުންދެ އެވެ.