ޓެކްސްއަށް ދުވަހަކު ވެސް މަކަރު ހަދާފައި ނުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ މިހެން ބުނެފައިވަނީ އޭނާގެ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި އެ ގައުމުގައި ހުރި ދުވަސްވަރު ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ބުނެ މައްސަލައެއް ތަހުގީގު ކުރެވެމުންދާ ދުވަސްވަރެއްގަ އެވެ. އެގޮތުން އިމޭޖް ރައިޓްސް ރެވެނިއުގެ ގޮތުގައި އޭނާއަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 3.3 މިލިއަން ޔޫރޯ އޭނާ ދައްކާފައި ނުވާ ކަމަށް ބުނެ ސްޕެއިންގެ ޓެކްސް އިދާރާތަކުން ވަނީ އޭނާގެ މައްޗަށް މައްސަލަ ހުށަހަޅާފައެވެ.
އެހެނަސް މި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށްފަހު މޮރީނިއޯ ބުނެފައިވަނީ އޭނާ ދައްކަން ޖެހޭ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާތަކުން ބުނާ އަދަދަށް އޭނާ ފައިސާ ދައްކާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ ހުށަހެޅުނު ކޯޓުގެ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޕޯޗުގަލްއަށް އުފަން މޮރީނިއޯގެ މައްޗަށް އަދިވެސް ތަހުގީގުތަށް ހިންގަމުންދާ ކަމަށާއި އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދޭތޯ ނުވަތަ ނޫންތޯ ނިންމާނީ ފަޑިޔާރު ކަމަށެވެ.
ހުކުރު ދުވަހު ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ނިންމާލުމަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ އޭނާ 2013 ވަނަ އަހަރު ރެއާލްގެ ކޯޗު ކަމުން ވަކިކުރުމަށްފަހު އެ ގައުމު ދޫކޮށް ދިޔައިރު އޭނާގެ ޓެކްސްގެ ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާތަކުން ބުނެފައިވާ ކަމަށެވެ. އަދި އޭގެ ދެތިން އަހަރު ފަހުން އޭނާއާ ދެކޮޅަށް ޓެކްސްއަށް މަކަރު ހެދި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރެވެމުންދާ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާތަކުން އެންގި ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އިދާރާއިން ދައްކަން ބުނި ފައިސާގެ އަދަދު އޭނާ ދައްކާފައިވާ ކަމަށާއި އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކުގައި އޭނާ ސޮއި ވެސް ކުރި ކަމަށެވެ.
މޮރީނިއޯ ކޯޓުގެ ފުރަތަމަ އަޑުއެހުމަށް ގޮސްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑު ނުކުންނަން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.
މޮރީނިއޯގެ ތަމްސީލުކުރާ މީޑީއާ ގްރޫޕެއް ކަމަށްވާ ގެސްޓިފިއުޓް މީޑިއާ ގްރޫޕުން ބުނެފައިވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2013 ވަނަ އަހަރުގެ މެއި މަހާ ހަމަޔަށް އޭނާ ސްޕެއިންގައި ދިރިއުޅުނު އިރު ޓެކްސްގެ ގޮތުގައި 26 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ދައްކާފައިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރު މި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމުގެ ގޮތުން ވެސް އޭނާ ވަކި އަދަދެއް ދައްކާފައިވާ ކަމަށް ވެސް އެ ގްރޫޕުން ބުނެފައިވެއެވެ.
ސްޕެއިންގެ ކޯޓުތަކުން އަންނަނީ ފުޓްބޯޅަ ކުޅުންތެރިންނާ ކޯޗުންނަށް ޓެކްސްގެ މައްސަލަތަކުގައި އަދަބު ދެމުންނެވެ. އެގޮތުން ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ ލިއޮނެލް މެސީއާ ހަވިޔާ މަޝެރާނޯގެ އިތުރުން ރެއާލްއަށް ކުރިން ކުޅުނު އެންހެލް ޑިމަރިއާއަށް ވަނީ ޓެކްސްއަށް މަކަރު ހެދި ކަމުގެ ކުށްތަށް ސާބިތުވެ، އަދަބު ވެސް ދީފައެވެ. ހަމައެހެންމެ ރެއާލްގެ ތަރި އަދި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއާ ދެކޮޅަށް ވެސް ވަނީ ޓެކްސްއަށް މަކަރު ހެދި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅިފައެވެ.