ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 14:23
މާސޭ އަށް ކުޅެމުން އަންނަ ޕެޓްރިކް އެވްރާ
މާސޭ އަށް ކުޅެމުން އަންނަ ޕެޓްރިކް އެވްރާ
މިރަރ
ޕެޓްރިކް އެވްރާ
މުއްދަތެއް ނެތް ގޮތަށް މާސޭ އިން އެވްރާ ސަސްޕެންޑު ކޮށްފި
އެވްރާ އަށް ރަތް ކާޑު ދެއްކީ ސަޕޯޓަރެއްގެ މޫނު މަތީގައި ފައިން ޖެހުމުން

މާސޭ އަށް ކުޅެމުން އަންނަ ފްރާންސްގެ ޕެޓްރިކް އެވްރާ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކުރަން އެ ކްލަބުން ނިންމައިފިއެވެ.

މާސޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގައި ވިޓޯރިއާ ޑި ގުލްމަރައެސްއާ އަތުން 0-1 ގެ ނަތީޖާއިން މާސޭ ބަލިވި މެޗު ފެށުމުގެ ކުރިން ކުރިޔަށްދިޔަ ވޯމްއަޕްގައި ސަޕޯޓަރަކު ގޯނާކުރުމުން، އެ ކްލަބުގެ އެވްރާ އެ ސަޕޯޓަރަށް ހަމަލާދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި ބަޔާނުގައި މާސޭ އިން ބުނީ ކްލަނުގެ ރައީސް ޖަކުއޭޒް ހެންރިކް އޭރައުޑްއާ އެކު އެވްރާ ބައްދަލުކޮށްފައިވާ ކަމަށާއި، ކްލަބުގެ ޑިސިޕްލިނަރީ ކޮމެޓީން ގޮތެއް ނިންމަންދެން އޭނާ ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެވްރާ ވަނީ ސަޕޯޓަރު މޫނު މަތީގައި ފައިން ޖަހާފައެވެ. އެއަށް ފަހުވެސް ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. ރެފްރީ ވަނީ ވޯމްއަޕްގެ ތެރެއިން އެވްރާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެވްރާ އަކީ ޔޫރޮޕާ ލީގުގެ ތާރީހުގައި ވެސް މެޗެއް ފެށުމުގެ ކުރިން ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެވްރާގެ މި އަމަލަކީ 1995 ވަނަ އަހަރު ކްރިސްޓަލް ޕަލަސްގެ ސަޕޯޓަރަކާ މެދު ހިތްހަމަނުޖެހިގެން މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޯނާ ހިންގިފަދަ އަމަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެންޓޯނާ ވަނީ އެފަހަރު ކްރިސްޓަލް ޕަލަސް ސަޕޯޓަރު މޭމަތީގައި ފައިން ކިކެއް ޖަހާފައެވެ.

 ފަސް ޕްރިމިއާ ލީގު އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އެވްރާގެ މި އަމަލާއެކު، އޭނާ އަށް ގިނަ ކުޅުންތެރިން އަދި ހާއްސަކޮށް ކޯޗުންގެ ފާޑުކިޔުން ވެސް އެބައާދެ އެވެ.

އެވްރާގެ މި އަމަލާއެކު އޭނާ އަށް ބޮޑު ސަސްޕެންޝަނެއް އައުން ވަރަށް ކައިރިއެވެ. މި މައްސަލަ ޔުއެފާ އިންވެސް އަންނަނީ ބަލަމުންނެވެ. 

 އިޓަލީ ލީގުން ކެރިޔަރު ފެށި އެވްރާ އެންމެ ކާމިޔާބު ސީޒަންތައް ހޭދަކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުގައެވެ. އޭނާ ވަނީ އެ ކްލަބަށް ނުވަ ސީޒަން ކުޅެ، 379 މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ޔުވެންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެ، އެ ކްލަބަށް ކުޅުނު ތިން ސީޒަނުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެޓީމަށް ކުޅުނު 82 މެޗުގައި އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ލީގް ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް