ކޮރަޕްޝަންގެ މައްސަލައިގައި އާޖެންޓިނާގެ ކުރީގެ ނައިބު ރައީސް އަމާޑޯ ބޫޑޫ ހައްޔަރުކޮށްފި އެވެ.
އާޖެންޓީނާގެ ކުރީގެ ނައިބު ރައީސް އަމާޑޯ ބޫޑޫ ހައްޔަރު ކޮށްފައިވަނީ، އެޤައުމުގެ އިޤްތިޞާދީ ވަޒީރާއި ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ނުޙައްޤު މުއްސަނދިކަމެއް ހޯދާފައިވާ މައްސަލައާއި ގުޅިގެންނެވެ. 2009 ވަނަ އަހަރު ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން އޭނާގެ މައްޗަށް ތިން ދައުވާ އެއް ހުށަހަޅާފައިވެއެވެ.
2009 ވަނަ އަހަރަކީ އާޖެންޓީނާގެ އިޖްތިމާއީ ރައްކާތެރިކަމާއި ބެހޭ އިދާރާގެ އިސްވެރިޔާގެ މަގާމުން، އިޤްތިޞާދީ ވަޒީރުގެ މަގާމަށް ބޫޑޫ ބަދަލު ކުރި އަހަރެވެ. އާޖެންޓީނާގެ ނައިބު ރައީސްގެ މަގާމަށް ބޫޑޫ އައްޔަން ކޮށްފައިވަނީ، ރައީސާ ކްރިސްޓީނާ ފެނާންޑޭޒް، ދެވަނަ ދައުރަކަށް އިންތިޚާބުވުމާއެކު 2011 ވަނަ އަހަރު އެވެ.
ބޫޑޫ ވަނީ އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
ބޫޑޫ އަކީ އާޖެންޓީނާގެ ކުރީގެ ރައީސާ ކްރިސްޓީނާ ފެނާންޑޭޒްގެ ސަރުކާރުގައި ހިމެނިވަޑައިގެންނެވި އިސް ފަރާތްތަކުގެ ތެރެއިން، ކޮރަޕްޝަންގެ މައްސަލާގައި ހައްޔަރު ކުރެވުނު ދެވަނަ ވަޒީރެވެ. ބޫޑޫގެ އިތުރުން، ކުރީގެ ޕްލޭނިން މިނިސްޓަރ ޖޫލިއޯ ޑީ ވިޑޯ ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހައްޔަރު ކޮށްފައެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ޑީ ވިޑޯ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވި ދައުރުގެ މެދުތެރޭގެ އިންތިޚާބުގެ ތިން ދުވަސް ކުރިން، އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
މީގެ އިތުރުން އާޖެންޓީނާގެ ކުރީގެ ރައީސާ ކްރިސްޓިނާ ފެނާންޑާޒްގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވެއެވެ. އެހެން ނަމަވެސް އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގައި ސެނެޓުގެ މެމްބަރު ކަމަށް އިންތިޚާބު ވުމާއި ގުޅިގެން އޭނާ އަށް ލިބިފައިވާ ޤާނޫނީ އިމްތިޔާޒްތަކުގެ ސަބަބުން އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސް އެޅިފައެވެ.
ފެނާންޑޭޒް އަދި އެކަމަނާގެ ކުރީގެ ޕަބްލިކް ވޯކްސް ސެކްރެޓަރީ ޖޯސޭ ލޮޕޭޒްގެ މައްޗަށް ވަނީ މަގު ހެދުމުގެ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްފައިވާ ފައިސާ އަށް ޚިޔާނަތްތެރިވިކަމުގެ ދައުވާ މިދިޔަ އަހަރުގެ ތެރޭގައި އުފުލާފައެވެ.
ކެތޮލިކް ފައްޅިއެއްގެ ތެރޭގައި ފައިސާ ދަބަސްތަކެއް ފޮރުވުމަށް މަސައްކަތް ކުރިކަން ފަޅާއެރުމާއެކު، ލޮޕޭޒް ވަނީ މިދިޔަ އަހަރު ހައްޔަރު ކޮށްފައެވެ.