ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން ތައްޔާރުކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ސެސް ފެބްރިގާސް ބުނެފިއެވެ.
އިވްނިން ސްޓޭންޑާޑް އަށް ދިން އިންޓަވިއުއެއްގައި ފެބްރިގާސް ބުނީ ޗެލްސީއަކީ އޭނާ އަށް ވަރަށް ރަނގަޅަށް ކަންތައް ކޮއްދެމުން އަންނަ ކްލަބެއް ކަމަށާއި، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ބޭނުންވާ ކަމަށެވެ.
ފެބްރިގާސް ބުނީ ކްލަބުގެ ސަޕޯޓަރުން އޭނާ އަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި، ފާއިތުވެދިޔަ ތިން އަހަރުގައި ޗެލްސީއަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ޗެލްސީ އަކީ އޭނާ ވަރަށް އިހުތިރާމް ކުރާ ކްލަބަކަށްވެފައިވާ ކަމަށެވެ.
އެގޮތުން ފެބްރިގާސް ބުނީ ވަރަށް އަވަހަށް އާ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެ ކަމަށް އުންމީކުރާ ކަމަށާއި، އެންމެ ރަނގަޅު ވަގުތައް ބަލަމުން އަންނަ ކަމަށެވެ.
ޗެލްސީގައި ހިތްހަމަޖެހިގެން ހުރި ފެބްރިގާސް އަންނަނީ މި ސީޒަނުގައި އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގައި ޗެލްސީ އަށް މިހާތަނަށް ކުޅުނު 10 މެޗުގައި އެއް ލަނޑު ކާމިޔާބު ކޮށްފައެވެ.
އާސެނަލް އިން 2003 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 29 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލްއާ އެކު އޭނާ ހޭދަކުރި އަށް ސީޒަނުގައި އެޓީމަށް ކުޅުނު 303 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އާސެނަލް ދޫކޮށްލުމަށް ފަހު 2011 ވަނަ އަހަރު ފެބްރިގާސް ބާސާ އަށް ވަނީ ބަދަލުވެފަ އެވެ. އެގޮތުން އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ތިން ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ވެސް އެޓީމާ އެކު ހޯދާފަ އެވެ. ބާސާއާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.
ބާސާއާއެކު ކާމިޔާބު ސީޒަންތައް ހޭދަކުރުމަށް ފަހު ޗެލްސީއާ އެކު ހޭދަކުރި ތިން ސީޒަނުގައި އެޓީމަށް ކުޅުނު 103 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާ ފެބްރިގާސް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު އަދި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.
ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބު ކުރި ފެބްރިގާސް ވަނީ އެގައުމަށް ދެފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.