ސީރިއާގައި އައިއެސްގެ ބާރު މިހާރު އޮތް ހަމައެކަނި ސަހަރު ކަމަށްވާ ޑެއިރް އަޒޫރު، ސީރިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.
ޑެއިރް އަޒޫރު ސީރިއާ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ދައުލަތުގެ މީޑިއާ އިން ރިޕޯޓް ކުރިނަމަވެސް، ޑެއިރް އަޒޫރުގައި އެއްކޮށް ސީރިއާ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެވިފައިނުވާ ކަމަށް އެހެން ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، އެސަރަހަރުގެ ބޮޑުބަޔަކުން އައިއެސް ބަލިކުރެވިފައިވާ ކަމަށާއި، އައިއެސްގެ އަތްދަށުގައި މިހާރު އޮތީ މަދު އަދި ނިސްބަތުން ކުޑަ ސަރަޙައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމައަށް ފާރަވެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ، އައިއެސް އިން އަދިވެސް ޑެއިރް އަޒޫރު ޕްރޮވިންސްގެ 40 އިންސައްތަ ކޮންޓްރޯލް ކުރާ ކަމަށް ބުނެފައެވެ.
ތެލުގެ ރިޒާވް މުއްސަނދި ޑެއިރް އަޒޫރް ޕްރޮވިންސްގެ ޑެއިރް އަޒޫރު ސިޓީ 2014 ވަނަ އަހަރުން ފެށިގެން އޮތީ އައިއެސްގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ. އައިއެސްގެ އަތްދަށުން އެސަހަރު ސަލާމަތް ކުރުމުގެ އޮޕަރޭޝަން ސީރިއާގެ އަސްކަރިއްޔާ އިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ސީރިއާގައި އައިއެސް އަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އަވަށްޓެރި އީރާޤުގައިވެސް އައިއެސް އަށް ހުކުރު ދުވަހު ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އީރާޤާއި ސީރިއާ ގުޅޭ ސަރަޙައްދީ ރޮނގުގެ ކައިރީގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު އަވަށް ކަމަށްވާ އަލްޤައިމް އީރާޤް އަސްކަރިއްޔާގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މީގެ އިތުރުން އީރާޤާއި ސީރިއާ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސް ކުރާ ބޯޑަރު ޕޯސްޓުތަކުގެ ތެރެއިން، އައިއެސްގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ޕޯސްޓް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް އީރާޤް އަސްކަރިއްޔާ އިން ބުނެއެވެ.
އަލްޤައިމް އާއެކު އައިއެސް އިން އީރާޤުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކޮންޓްރޯލް ކުރަމުންދިޔަ ސަރަޙައްދުތަކުގެ 95 އިންސައްތަ ވަނީ ގެއްލިފައެވެ. އެސަރަޙައްދުތަކުން އައިއެސް ބަލިވުމުމާއެކު، އިސްލާމިކް ސްޓޭޓްގެ ހަރުކަށި ވެރިކަމުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 4.4 މިލިއަން މީހުން އައިއެސްގެ އަނިޔާވެރި ވެރިކަމުން މިނިވަންވެފައިވާ ކަމަށް އައިއެސް އާއި ދެކޮޅު ކޯލީޝަނުން ބުނެއެވެ.