ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 19:01
ސަޕޯޓަރެއް މޫނު މަތީގައި މާސޭގެ އެވްރާ ފައިން ޖަހަނީ
ސަޕޯޓަރެއް މޫނު މަތީގައި މާސޭގެ އެވްރާ ފައިން ޖަހަނީ
މިރަރ
ޕެޓްރިކް އެވްރާ
ޔޫރޮޕާ ލީގުގެ މެޗެއް ފެށުމުގެ ކުރިން ރަތްކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް އެވްރާ
އެވްރާ އަށް ރަތް ކާޑު ދެއްކީ ސަޕޯޓަރެއްގެ މޫނު މަތީގައި ފައިން ޖެހުމުން

ޔުއެފާ ޔޫރޮޕާ ލީގުގެ މެޗެއް ފެށުމުގެ ކުރިން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔަކަށް ފްރާންސްގެ މާސޭ އަށް ކުޅެމުން އަންނަ ޕެޓްރިކް އެވްރާ ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވިޓޯރިއާ ޑީ ގުލްމަރައެސްއާ އަތުން 0-1 ގެ ނަތީޖާއިން މާސޭ ބަލިވި މެޗު ފެށުމުގެ ކުރިން ވޯމްއަޕްކުރަނިކޮށް ސަޕޯޓަރަކު ތަކުރާރުކޮށް އެވްރާއަށް އުނދާގޫކުރަމުން އައުމާއެކު، އޭނާ ވަނީ އެކަމާ ރުޅިގަދަވެ، އެ ސަޕޯޓަރު މޫނުމަތީގައި ފައިން ކިކެއް ޖަހާފައެވެ.

އެވްރާގެ މި އަމަލަކީ 1995 ވަނަ އަހަރު ކްރިސްޓަލް ޕަލަސްގެ ސަޕޯޓަރަކާ މެދު ހިތްހަމަނުޖެހިގެން މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޯނާ ހިންގިފަދަ އަމަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެންޓޯނާ ވަނީ އެފަހަރު ކްރިސްޓަލް ޕަލަސް ސަޕޯޓަރު މޭމަތީގައި ފައިން ކިކެއް ޖަހާފައެވެ.

ފަސް ޕްރިމިއާ ލީގު އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އެވްރާގެ މި އަމަލާއެކު، އޭނާ އަށް ގިނަ ކުޅުންތެރިން އަދި ހާއްސަކޮށް ކޯޗުންގެ ފާޑުކިޔުންވެސް އެބައާދެ އެވެ.

އެވްރާގެ މި އަމަލާއެކު އޭނާ އަށް ބޮޑު ސަސްޕެންޝަނެއް އައުން ވަރަށް ކައިރިއެވެ. މި މައްސަލަ ޔުއެފާ އިން އަންނަނީ ބަލަމުންނެވެ.

އިޓަލީ ލީގުން ކެރިޔަރު ފެށި އެވްރާ އެންމެ ކާމިޔާބު ސީޒަންތައް ހޭދަކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގައެވެ. އޭނާ ވަނީ އެ ކްލަބަށް ނުވަ ސީޒަން ކުޅެ، 379 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭނާ ވަނީ ޔުވެންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެ، އެ ކްލަބަށް ކުޅުނު ތިން ސީޒަނުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެޓީމަށް ކުޅުނު 82 މެޗުގައި އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ލީގް ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް