އެމްއެމްޕީއާރުސީގެ "މެގަ" ހިޔާނާތް ހަމަ އެކަނި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ހަމައިން ނުނިމޭ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އަބަދު ވެސް ދިޔައީ ބުނަމުންނެވެ. އެ ކޮރަޕްޝަންގެ ފައިސާ އިން ބައެއް ރައީސް އަބްދުﷲ ޔާމީންގެ ޖީބަށް ވެސް ވެދެފައިވާނެ ކަމުގެ އިޝާރާތްތައް ދެމުން ގެންދިޔައީ ހަމައެކަނި އިދިކޮޅު ފަރާތްތަކަކުން ނޫނެވެ. ހަރާން ފައިސާ ގެއަށް ވަދެފައިވާ ކަމާއި މެންބަރުންނަށް ފައިސާ ބެހި ކަމަށް ޚުދު ރައީސް ޔާމީން ވެސް ވަނީ އެކި ހަފްލާތަކުގައި ފާހަގަކުރައްވާފައެވެ. އެކަން މިހާރު އެ ވަނީ އެ މަނިކުފާނު އިހްތިޔާރުކުރެއްވި މެންބަރުންގެ މައްޗަށް އެކުލެވޭ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަށަވަރުކޮށްދީފައެވެ. ސުވާލަކީ އިންތިޚާބުގެ ފޯރި ފެށެމުން ދަނިކޮށް އޭސީސީން މި ވައްޓައިލި ބޮމާ އެކު ދެން ވެގެންދާނީ ކިހިނެއްބާއެވެ؟ ކޮމިޝަނުގެ މެންބަރުންނަށް ވެގެންދާނީ ކިހިނެއްބާއެވެ؟
ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއީ އޭސީސީން ގަސްތުގައި ކުރި ކަމެއް ނޫން ކަމެކެވެ. އަދި ބޭނުން ވެގެން ކުރި ކަމެއް ވެސް ނޫން ކަމެވެ. އެއީ މީޑިއާގެ މަސައްކަތުން ތިލަކުރުމުން އޭސީސީއަށް ވެސް މަޖުބޫރުވެގެން ހާމަކުރަންޖެހުނު މައުލޫމާތުކަމެވެ.
މިއީ އާ ވާހަކައެއް ވެސް ނޫނެވެ. އިސްލާމިކް ބޭންކްގައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމާއި އެކުގެ ތަފްސީލްތައް މީގެ ކުރިން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ހާމަކުރައްވާފައެވެ. އެ ފައިސާ ޖަމާކުރި ފަރާތްތަކާއި ޖަމާވި ގޮތާއި އެތައް ތަފްސީލެކެވެ. ފުރިހަމަ ހެއްކާ އެކުގައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި އިންވެސްޓިގޭޝަން ރިޕޯޓްގައި ވެސް އެކަމާ ގުޅޭ ވާހަކަތައް ވަނީ ހިމަނާފައެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާތައް އެކި ފަރާތްތަކަށް ފޮނުވުމުގައި ހަރަކާތްތެރިވި އެސްއޯއެފް ކުންފުނިންނެވެ. އެ ކަންކުރި ފަރާތްތަކުން ވަނީ އަލްޖަޒީރާގެ "ސްޓީލިން ޕެރަޑައިޒް" ޑޮކިއުމެންޓްރީގައި އެ ވާހަކަތައް ވަރަށް ތަފްސީލްކޮށް ކިޔައި ވެސް ދީފައެވެ.
ނަމަވެސް އޭރު އެ ވާހަކަތައް ދެއްކުމުން ކުށްވެރިވީ އެ ޑޮކިއުމެންޓްރީ ދެއްކި ފަރާތްތަކާއި އަލީ ވަހީދާއި ރާއްޖެ ޓީވީއެވެ. ޑޮކިއުމެންޓްރީ ދެއްކި ކަމަށްޓަކައި މީޑިއާ ނެޓް ޖޫރިމަނާކުރި އެވެ. "ފަލަސުރުހީ"ގައި އެ ވާހަކަ އަލީ ވަހީދު ދެއްކެވުމުން ފިޔަވަޅުތައް އެޅިއެވެ. ޕާސްޕޯޓް ކެންސަލްކުރި އެވެ. ރާއްޖެ ޓީވީ އަށް އިންޒާރުދީ މައާފަށް އެދުމަށް މަޖުބޫރުކުރުވިއެވެ. ޑިލޭއަކާ ނުލައި "ފަލަސުރުހީ" ޕްރޮގްރާމް ދެން ނުދެއްކުމަށް އެންގިއެވެ.
މިއަދު ދެން ބުނާނީ ކީކޭ ހެއްޔެވެ؟ ރައީސް ޔާމީންގެ އެކައުންޓަށް ޑޮލަރުތަކެއް ވަދެފައިވާކަމަށް ރަސްމީ އިދާރާއަކުން އެ ވަނީ ބުނެފައެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ އެކައުންޓަށް އެފަދަ ފައިސާއެއް ވަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކެމްޕެއިން އަށް ވިޔަސް އެހެން ކަމަކަށް ވިޔަސް އެ ގޮތަށް ލިބޭ ފައިސާގެ ތަފްސީލް ހާމަކުރަން ގަނޫނުން މަޖުބޫރެވެ. ހާއްސަކޮށް ހިޔާނާތާ ގުޅުން ހުރި ފައިސާ ކަމަށް ޔަގީންނާ ގާތަށް އެނގޭ އިރު އެ ފައިސާ އަށް ވީ ގޮތެއް އެނގެން ޖެހެއެވެ. އޭގެ ބަދަލުގައި އެ ވާހަކަ ދެއްކި ފަރާތްތަކުގެ އަނގަމަތީގައި ޓޭޕް އަޅައި އަދަބު ދިނަކަސް ހަމައެއް ނުޖެހޭނެއެވެ.
އޭސީސީން އެ މައްސަލަ ފައިލްކުރީ އެ ފައިސާ ޖަމާކުރި ފަރާތްތައް ހޯދޭނެ ގޮތެއް ނެތް ކަމަށް ބުނެއެވެ. މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ؟ އެ ފައިސާ ޖަމާކުރި ފަރާތްތައް ނެތަސް އެ ފައިސާ ޖަމާވި އެކައުންޓްގެ ވެރި ފަރާތް އެ ހުރީ ނޫންތޯއެވެ. އެއީ ކީއްކުރާ ފައިސާއެއްތޯ އާއި އެ ފައިސާ އަށް ވީ ކިހިނެއްތޯ އެއީ މިއަދު އޭސީސީން އާއި ތަހްގީގީ އެހެން އިދާރާތަކުން ބަލަންޖެހޭ ކަމެކެވެ. ނުވަތަ ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް އެކަން ސާފުކޮށްދޭންޖެހެއެވެ. ގެއަށް ވަންނަ ފައިސާއަކީ ހަލާލު ފައިސާތޯ ޚުދު އަނބިމީހާ ވެސް ނުބަލާނެއޭ ބުނެ މިފަހަރު ނިންމާލެވޭކަށް ނެތެވެ. އެއީ މި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގު އެކުލެވޭ ފައިސާ އެވެ. އެތައް ބައެއްގެ ދިރިއުޅުމުގެ އެތައް ކަމެއް ފުރިހަމަކުރެވޭހާ ފައިސާއެވެ. އެހެންކަމުން އެކަމަށް ހަނުހުރެގެން ނުވަތަ އެކަން ހާމަކުރި ނޫސްވެރިންނާއި މީޑިއާތަކާއި ނުވަތަ އެ ރިޕޯޓް ތައްޔާރުކުރި އޭސީސީގެ މެންބަރުންނަށް އަދަބު ދީގެން ފަރުޖެއްސޭކަށް ނެތެވެ.