ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 25 މިލިއަން ރުފިޔާގެ ގެޓްސެޓް ލޯނަށް މިއަހަރު ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނު ލިބުނު ފަރާތްތައް މިމަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ގެޓްސެޓް ލޯނަށް ކުރިމަތިލީ މީހުންގެ ލިސްޓް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ލޯނަށް ކުރިމަތިލީ މީހުންގެ ތެރެއިން ލޯނަށް ޝަރުތު ފުރިހަމަވާ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވާލެވިފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.
ތައުފީގް ވިދާޅުވީ ގެޓްސެޓް ލޯނު ލިބުނު ފަރާތްތައް އިއުލާންކޮށް މި މަހުގެ ތެރޭގައި ލޯން އެވޯޑް ކުރެވޭނެ ކަމަށެވެ. އަދި ލޯން ލިބުނު ފަރާތްތައް އިއުލާން ކުރުމުގައި ލަސްވެގެން ދިޔައީ އިވެލުއޭޝަން މަރުހަލާގައި ކުޑަ މަޑުޖެހުމެއް އައުމުން ކަމަށާއި ނަމަވެސް ދެން މާ ގިނަ ދުވަހެއް ނުވެ އިއުލާން ކުރެވިގެންދާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ.
މީގެ ދެ އަހަރު ކުރިން ފެށި ގެޓްސެޓް ލޯނު ޕްރޮގްރާމަށް ކުރިމަތިލެވެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އެކަމަށް އެދޭ ޒުވާނުންނަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.