ދިވެހިރާއްޖެއިން ޤަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައިވާއިރު، ޤަތަރުގެ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު މިއަހަރު ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހާއި ޖޫން މަސް ފިޔަވައި ކޮންމެ މަހަކު ރާއްޖެއަށް އަންނަ ގަތަރުގެ ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ އެމަހާ އަޅާބަލާއިރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން 2016ވަނަ އަހަރުގެ ޖެނުއަރީ މަހު ޤަތަރުން އައި ފަތުރުވެރިންގެ އަދަދަކީ 289 އެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު އެއަށް ވުރެ 5.9 އިންސައްތަ އިތުރަށް، 306 މީހުން އައެވެ. އެހެން ނަމަވެސް ޖެހިގެން އައި ފެބްރުއަރީ، މާޗް، އެޕްރީލް އަދި މެއި މަހު ޤަތަރުން އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އައީ ވެއްޓެމުންނެވެ. އެއްވެސް މަހަކު އޭގެ ކުރީ އަހަރުގެ އެމަހު އައި މިންވަރާއި ގާތަށް ވެސް ފަތުރުވެރިން ނާދެއެވެ. ޚާއްސަކޮށް އެޕްރީލް މަހު މިއަދަދު ވަނީ 57.8 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ގަތަރުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 588 އަށް އެރި އިރު މިއަހަރުގެ އެޕްރީލް މަހު އައީ 245 މީހުންނެވެ.
އެހެން ނަމަވެސް ޖޫން މަހު ރަނގަޅުވެދާނެ ކަމުގެ ކޮޅު މަތި ފެނުނެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ގަތަރުން އައި ފަތުރުވެރިންގެ އަދަދަކީ 43 އެވެ. އެހެން ނަމަވެސް މިއަހަރުގެ ޖޫން މަހު އެއަށްވުރެ އިތުރަށް ހަތް މީހުން އައެވެ. ޖޫން މަހަކީ ސައޫދީން އިސްނަގައިގެން ރާއްޖެ އާއި ގަލްފުގެ ބައެއް ޤައުމުތަކުން ޤަތަރާ އެކު އޮންނަ ގުޅުން ކަނޑާލި މަހެވެ. ޖޫން މަހަށް ފަހު ރާއްޖެއަށް އަންނަ ޤަތަރުގެ ފަތުރުވެރިންގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށްވާން ފެށިއެވެ.
ގުޅުން ކަނޑާލި ޖޫން މަސް ޖެހިގެން އައި ޖުލައި މަހު ރާއްޖެއަށް އައި ގަތަރުގެ ފަތުރުވެރިންގެ އަދަދަކީ 42 އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 93.7 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރު ޖުލައި މަހު 665 ފަތުރުވެރިން ޤަތަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއަހަރުގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހު ލަފާކުރެވުނު މިންވަރަށް ވުރެ އިތުރަށް ގަތަރުން ފަތުރުވެރިން އައި ނަމަވެސް މިދިޔަ އަހަރުގެ މިމަސްތަކާއި އަޅާބަލާއިރު އެވްރެޖްކޮށް 61 އިންސައްތަ މަދެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު 358 ފަތުރުވެރިން އައި އިރު މިއަހަރު އައީ 136 އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 502 ފަތުރުވެރިން ޤަތަރުން އައި އިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު އައީ 197 ފަތުރުވެރިންނެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރއަށް ބަލާއިރު، ޤަތަރުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 200 އަށްވުރެ މައްޗަށް އެރީ އެންމެ ތިން މަހުއެވެ. އެ ތިން މަހު ވެސް 343 އަށްވުރެ މައްޗަށް ނުދެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ގަތަރުން އައި ފަތުރުވެރިންގެ އަދަދު 200 އަށްވުރެ ދަށަށް ދިޔައީ ޖޫން މަހު އެކަންޏެވެ. އެންމެ މައްޗަށް ދިޔަ މަހު 665 މީހުން ގަތަރުން ރާއްޖެއަށް މިދިޔަ އަހަރު އައެވެ.
ޖުމްލަކޮށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ގަތަރުން ރާއްޖެ އައިސްފައި ވަނީ 3272 ފަތުރިވެރިންނެވެ. އެހެންނަމަވެސް މިއަހަރުގެ މިމުއްދަތުގެ ތެރޭގައި އައިސްފައިވަނީ އެންމެ 1519 މީހުންނެވެ. މިއީ 53.6 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަހަރު ނިމޭއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ގަތަރުން އައި ފަތުރުވެރިންގެ އަދަދުގެ ފަރަގު މިއަށްވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ޤަތަރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ފުރަތަމަ ނުވަ މަސްދުވަހު ދަށްވެފައި މިވަނީ 2015ވަނަ އަހަރަށްވުރެ 2016ވަނަ އަހަރު ގަތަރުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނިކޮށެވެ. އަދި 2015ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އައި ގަތަރުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، ޖޫން ފިޔަވައި، ކޮންމެ މަހަކު އައީ ބޮޑުތަނުން މަތިވަމުންނެވެ. އަދި 2016ވަަނަ އަހަރު ޤަތަރުން ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު އޭގެ ކުރީ 2015ވަނަ އަހަރާއި އަޅާބަލާއިރު 22.5 އިންސައްތަ އިތުރުވިއެވެ.
ގަތަރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ގަތަރުގެ ރަސްމީ އެއަރލައިން ގަތަރު އެއަރވޭޒްއިން އެހެން ޤައުމުތަކުގެ ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެއަށް ގެނެއެވެ. ޔަޤީންވާކަމަކީ ގަތަރާ އެކު އޮންނަ ގުޅުން ކަނޑާލުމުން ޤަތަރުން ރާއްޖެއަށް އަންނަ މުއްސަނދި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން މަދުވެއްޖެ ކަމެވެ. އަދި ގުޅުން ކަނޑާލުމުގެ ކުރިންވެސް ކޮންމެވެސް ސަބަބަކާ ހެދި ނަމަވެސް، ޤަތަރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ދަނީ ދަށަށެވެ.