މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ކުންފުނިތަކުން މަސްކިރުވި މިންވަރު އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 47 އިންސައްތަ ދަށްވެއްޖެއެވެ.
މަރުކަޒީ ބޭންކުން ކޮންމެ މަހަކު އާއްމުކުރާ އިޤްތިޞާދީ ރިވިއުއިން ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ކުންފުނިތަކުން ކިރާފައި ވަނީ 1153.9 މެޓްރިކް ޓަނުގެ މަހެވެ. މިއީ އޮގަސްޓް މަހާ އަޅާބަލާއިރު ވެސް 44 އިންސައްތައިގެ ދަށްވުމެކެވެ.
މަސްކުންފުނިތަކަށް މަސްކިރުވާ މިންވަރު ދަށްވެފައިވާއިރު، ދާދި ފަހުން ވެސް ހުޅުމާލޭ ފަޅުގައި މަސް ނުކިރުވި ދޯނިތައް ކިޔޫ ޖެހިގެން މަސްވެރިންގެ ޝަކުވާތައް އިތުރުވިއެވެ.
މަހުގެ އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު މަސް އެކްސްޕޯޓްކުރި މިންވަރު 14 އިންސައްތަ އިތުރުވި ނަމަވެސް، މިއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ޖެހިގެން އައި ސެޕްޓެމްބަރު މަހު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 49 އިންސައްތަ ދަށްވެފައެވެ. މަސް އެކްސްޕޯޓް ކޮށްގެން އޮގަސްޓް މަހު ލިބުނު އާމްދަނިއަށްވުރެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ވަނީ 44 އިންސައްތަ ދަށްވެފައެވެ.
މަހުގެ ބާވަތްތަކުގެ އައި ބަދަލުގެ ސަބަބުން ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން އޮގަސްޓް މަހު 0.4 އިންސައްތައިގައި ހުރި އިންފްލޭޝަން ރޭޓް، ސެޕްޓެމްބަރ މަހު ވަނީ 0.5 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. އެމްއެމްއޭއިން ބުނީ އިންފްލޭޝަން ރޭޓް މައްޗަށް ދިޔައީ މަހުގެ ބާވަތްތަކުގެ އަގު ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެ، ގެދޮރުގެ ކުއްޔާއި، ތަރުކާރީގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔުމުން ކަމަށެވެ.
އަހަރުން އަހަރަށް ބަލާއިރު، ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް ވަނީ 2.9 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ.