ހއ. ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި ސަސްޕެންޑް ކުރި ކަމުގައި ވީނަމަވެސް އެކަމަށް ހުއްޓުމެއް ނާންނާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވެއްޖެ އެވެ.
ދިއްދޫ ކައުންސިލުގެ ރައީސްކަން ކުރެއްވި ތިން ބޭފުޅަކު ބައިވެރިވެވަޑައިގެން އެ ރަށުގައި ހުކުރު ދުވަހު ހެނދުނު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ ދިއްދޫ ކައުންސިލަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށެވެ. ހާޝިމް ވިދާޅުވީ ފްލެޓް ދީފައިވަނީ އެއްވެސް އިންސާފަކުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލިފައިވާ ކަމަށެވެ.
ސަރުކާރުން ކުރާ ދޯހަޅި ކަންތައްތަކުގެ ވާހަކަތައް ސަރުކާރާ ހިއްސާކުރުމުން އެކަންތައްތަކަށް އަޅާ ނުލާ، އޭނާ ސަސްޕެންޑް ކުރީ އެކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ އެކަމަށް އިންސާފުވެރި ގޮތެއްގައި މަސައްކަތް ކުރާތީ ކަމަށް ހާޝިމް ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ދިއްދޫ ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.
"މިކަންކަން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރާނަން ދިއްދޫ ރައްޔިތުންނަށް ގެއްލިފައި އެވާ ހައްގުތައް ހޯދައިދީ ހައުސިން ޔުނިޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ހޯދަދިނުމަށްޓަކާ އަދިވެސް އަޅުގަނޑުމެން ކުރެވުނު މަސައްކަތެއް ކުރާނަން،" ހާޝިމް ވިދާޅުވިއެވެ.
ދިއްދޫގައި ދީފައިވާ ހައުސިން ޔުނިޓްތައް އިންސާފުވެރިކަމާއެކީ ދިން ނަމަ އެއްވެސް މީހެއްގެ ޝަކުވާއެއް ނޯންނާނެ ކަމަށާއި އެހެން ނަމަވެސް ފެނިގެން ދިޔައީ މަތިން މާކްސް ލިބުނު ވަކި ބަޔަކަށް އަދި ދަށުން މާކްސް ލިބުނު ވަކި ބަޔަކަށް ހައުސިން ޔުނިޓްތައް ދިން މަންޒަރު ކަމަށް ހާޝިމް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކަކީ ޕީޕީއެމަށް ނިސްބަތްވާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ހއ. ދިއްދޫ ގެ 140 ފަރާތަކަށް ވަނީ ހައުސިން ޔުނިޓް ދީފައެވެ. ދިއްދޫގެ ހައުސިން ޔުނިޓްތައް ދީފައިވަނީ ފްލެޓް ލިބޭ މީހުންގެ ފޯމް ނަމްބަރު ހިމަނައިގެން ގެޒެޓްގައި ލިސްޓެއް އާއްމުކޮށްގެންނެވެ. އެ ލިސްޓު އާންމު ކުރުމާ އެކު، ކައުންސިލަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުތައް ބަހައްޓަމުން ގެންދާތީ ކަމަށް ބުނެ ސެޕްޓެމްބަރ 28، 2017 ގައި ހާޝިމް ވަނީ އެލްޖީއޭއިން ސަސްޕެންޑް ކޮށްފައެވެ.
ހާޝިމް ވިދާޅުވީ އެކައުންސިލުން ޢާއްމުކުރި އެމައުލޫމާތަކީ އޭގެ ކުރިން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން ވަރަށް ގިނަ މަސައްކަތްކޮށް ވަރަށް އިންސާފްވެރިކަމާ އެކު ތައްޔާރުކޮށްފައިވާ މައުލޫމާތުތަކެއް ކަމަށާއި އޭގައި ވަނީ ހައުސިން މިނިސްޓްރީން ވެސް ކަނޑައަޅާފައިވާ ގޮތަށް މާކްސް ދީގެން ލިބިފައިވާ ޕޮއިންޓްތަކެއް ކަމަށެވެ. ނަމަވެސް އެމައުލޫމާތު ހާމަކުރި ފަހުން ހައުސިން މިނިސްޓްރީން އެދިގެން އެއިއުލާން ބާތިލްކޮށް، ލިސްޓް މާކްސް ޝީޓް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ހާޝިމް ވިދާޅުވި އެވެ.