ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފައި ވަނީ މިއަދުގެ ހަވީރު 5:15 އާ ހަމަޔަށެވެ. ރޭ ފަތިހު ވެސް ވައިޓް އެލަރޓް ނެރެފައި ވެއެވެ. މިއަދު މެންދުރުކުރި 11:15 އާ ހަމަޔަށް އެ އެލަރޓް ނެރެފައިވަނިކޮށް އަނެއްކާ ވެސް ހަވީރާ ހަމަޔަށް އެލަރޓް ނެރެފައި ވަނީ މޫސުން ގޯސްވެ، ދެކުނުގެ ރަށްތަކަށް ކޮޅިގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފައިވާއިރު، އެހެން ހިސާބުތަކަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށް ވުމުން ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުން ކަމާ ބެހޭ ފަރާތްތަކުން އިލްތިމާކުރެއެވެ. އަދި ކަނޑުމަތީގެ ޙާދިސާއެއް ހިނގައިފި ނަމަ ލަސްނުކޮށް ކޯސްޓްގާޑަށް އެންގެމަކީ ސަލާމަތަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.