ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއްކަމަށާއި، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދުޝްމަނުން، ޤައުމުގެ އެތެރެއިންނާއި ބޭރުން، މިހާރުވެސް ކުރިމަތި ކުރުވަމުން ގެންދަނީ ވަކި ނުރައްކާތެރިކަންކުޑަ ޢުދުވާނުތަކެއް ނޫންކަމަށެވެ.
އެގޮތުން އެފަދަ ޢުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިގެ ނުރައްކާތެރި ބިރުވެރި ހާދިސާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބައިވަންތަ ކަމާއި ވެރިންނަށް ކިޔަމަންތެރިވުމުގެ ނަމޫނާ ކަމުގައެވެ.
ރައީސް ވިދާޅުވީ ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދިނުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވާގޮތުގައި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ސާބިތުކޮށްދެއްވަން ޖެހެނީ، ވަރަށް ވަރުގަދަ ޤައުމީ އެއްބައިވަންތަ ކަމަކާއި ކިޔަމަންތެރި ކަމެއްކަމަށެވެ. އަދި ،1988 ނޮވެންބަރު 3 ގައި ހިނގައިދިޔަ ބިރުވެރި ނާމާން ކަންތައްތަކަކީ، ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ކަންތައްތަކެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، އެކަމުގެ ހަނދާން އާކުރާއިރު ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، މިފަދަ ނުރައްކާތެރި ދުވަހެއް ދެން އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ތިބުމަށެވެ. އަދި، އެކަން ކުރެވޭނީ، ދިވެހިންގެ ހިތްތަކުގައި ޤައުމުދެކެ ލޯބިވުމުގެ ރޫޙު އާލާކޮށްގެން، އިޚްލާޞްތެރިކަމުގެ ރޫޙު ދަމަހައްޓައިގެން، ޤައުމީ ސަލާމަތުގެ އަށްޑަނަ އުފުލައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.