ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކުރަން ޖެހޭނީ ރައީސް އަބްދުﷲ ޔާމީނާއި ނޫން ކަމަށް، މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ޔާމީން އެއްވެސް ބޭފުޅެއްގެ އަރިހުގައި މިހާތަނަށް ވިދާޅުވެފައިނުވާ ކަމަށެވެ.
އަދި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގަދަބާރުން ވެރިކަމުގައި ހުންނެވުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިޢުލާން ކުރާ ދުވަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
އަދި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށާއި، ބޭއިންސާފާއި އަނިޔާވެރިކަމުގެ މަތީގައި ރައީސް ޔާމީނަށް ވަގުތެއް ނެތް ކަމަށް ކަމަށް ސައުދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމުގެ ކުރީގައި، ވީހާވެސް އަވަހަކަށް އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގެންނެވުމަށް ސައުދު އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ އިންތިޚާބު ބާއްވައިފިނަމަ، އެދާއިރާތައް ތަމްސީލް ކުރެއްވި މެމްބަރުން އެދާއިރާތަކަށް އިންތިޚާބު ވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސައުދު ވިދާޅުވިއެވެ.
އަދި އެ ދާއިރާތަކުގެ ބައިއިލެކްޝަން ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އެމެމްބަރުން މަޖިލީހަށް އިންތިޚާބު ވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.