ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 06:24
އުދުވާނީ ހަމަލާގައި ބައިވެރިވި މީހުން ހައްޔަރުކޮށްގެން ގެންނަނީ
އުދުވާނީ ހަމަލާގައި ބައިވެރިވި މީހުން ހައްޔަރުކޮށްގެން ގެންނަނީ
ފޭސްބުކް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް
މި ޢުދުވާނުގައި ނަވާރަ ދިވެހިން ސަހީދުވި
ހުސެއިން އާދަމްގެ ހަތިޔާރުން ވަޒަން ހުސްވަންދެން ދިޔައީ ހަމަލާދެމުން
މިއަދު އަޅުވެތިކުރުވަނީ ކަނޑި، ބަޑިއަކުން ނޫން

ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާއަށް އަށް މިއަދަށް 29 އަހަރު ފުރުނީއެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަކުރާއިރު، އެ ހަނދާންތައް އާކުރަންޖެހެ އެވެ.

 

ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމެވެ. އޭރު ރާއްޖޭގައި އުފުދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް ބަޔަކު މީހުން މަސައްކަތް ކުރިއެވެ. ދިވެހިންގެ ތެރެއިން ބަޔަކާއި ގުޅިގެން ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތުގެ ގިނަ އަދަދެއްގެ މީހުން ހަނގުރާމަވެރި ހަތިޔާރާއެކު ރާއްޖެ އަރައި ގެންނަން އުޅުނު ބަޣާވާން ނާކާމިޔާބްވިއެވެ. އެހެންނަމަވެސް މި އުދުވާނުގައި މައުސޫމް ނަވާރަ ދިވެހިން ޝަހީދުވިއެވެ. އެދުވަހު ދިވެހި ސިފައިންވީ ގުރުބާނީ އަކީ އަގުރި ޖިހާދަކެވެ. ދިވެހި ސިފައިން ދައްކުވާދީފައިވާ ސާބިތުކަމާއި ހިތްވަރުގަދަކަން، ދިވެހި ތާރީޚްގައި ރަންއަކުރުން ވަނީ ލިޔެވިފައެވެ.

 

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިން ވަނަ ދުވަހު ދުޝްމަނުން ދެ ބޯޓެއްގައި މާލެ އައީ ފަތިހުގެ ހަމަހިމޭން ވަގުތުގައެވެ. އެރޭ 4:15 ކަންހާއިރު ދިވެހިންގެ ކަންފަތްތަކަށް އިވިގެން ދިޔައީ އާދަޔާހިލާފް އަޑުތަކެއެވެ. ދިވެހިން އެ އަޑައަކަށް ފަރިތަ ނޫން އަޑުތަކެއެވެ. ދިވެހިންނަން ހޭލެވުނީ ބަޑީގެ އަޑަށެވެ.

 

ބާޣީންގެ މި ހަމަލާތަކުގައި ގުޅިގެން ދިވެހި ސިފައިން ވެސް ރައްދުގައި ހަމާލާތަށް ދޭން ފެށިއެވެ. މި ހަމަލާތަކުގައި ތަމަޅަ ސިފައިންގެ ތިން މީހަކު މަރާލިއެވެ. އޭގެ ތެރޭގައި ތަމަޅަ ސިފައިންގެ ކޮމާންޑަރ ވަސަންތީ ވެސް ހިމެނެވެ. މި ހަމަލާތަކުގެ ތެރޭގައި ދިވެހިގެ ތެރެއިން 19 މީހުން ޝަހީދުވެ، 39 މީހުން ޒަހަމްވިއެވެ. ޝަހީދުވި މީހުންގެ ތެރެއިން އަށް މީހުންނަކީ ސިފައިންނެވެ. އަދި ސިފައިންގެ 18 ބޭކަލުން ޒަހަމްވެސް ވި އެވެ.

 

ތަމަޅަ ސިފައިން ސަލާމަތީ މަރުކަޒު ހިފަން ހަތިޔާރާއި އައެވެ. އޭރު ސިފައިންގެ މައި ގޭޓުގައި ޑިއުޓީގައި ހުރީ ހދ. ކުޅުދުއްފުށީ މާވާގޭ އުމުރުން އެންމެ 20 އަހަރުގެ ކޯޕްރަލް ހުސެއިން އާދަމެވެ. ތަމަޅަ ސިފައިން އެއްބަޔަކު އަތުބޮންތައް ސިފައިންގެ މަރުކަޒަށް އުކަމުންދިޔައިރު، އަނެން ބަޔަކު ދިޔައީ ބަޑިޖަހަމުނެވެ. ދުޝްމަނުންނަން ކުރިއަށް އަންނާނެ އެއްވެސް ޖާގައެއް ނުދީ ހަތިޔާރުން ވަޒަން ހުސްވަންދެން އެ ހިތްވަރުގަދަ ޒުވާނާ ސާބިތުކަމާއެކު ހުރިއެވެ. އެންމެ ފަހު ނޭވާ، ދީނާއި ގައުމަށްޓަކައި ދޫކޮށް ޝަހީދުވިއެވެ. އޭރު މާލެތެރޭގައި މައުސޫމް ދިވެހިންގެ ދިޔައީ މަރަމުންނެވެ.

އެދުވަހުގެ ހެނދުނު 11:00 ކަންހާއިރު ސިފައިންގެ މައި މަރުކަޒަށް ދުޝްމަނުންގެ ބަޔަކު ހަމަލާދެމުން ދަނިކޮށް އެމީހުންނާއި ކުރިމަތިލުމަށް ސިފައިންގެ ތެރެއިން އަށް މީހުން ނުކުތެވެ. ބޭރަށް ނުކުތް ސިފައިންގެ ތެރެއިން ތިން މީހުން ޝަހީދުވިއެވެ. ހަނގުރާމައިގެ މަޝްރަހު އެވަގުތު ބަދަލުވެ ދުޝްމަނުން ފިލައިގެން ދިއުމަށް މަސައްކަތް ފެށިއެވެ.

 

އޭރުގެ ޓުރާންސްޕޯޓް މިނިސްޓަރ އަހުމަދު މުޖުތަބާއިގެ ދެކަނބަލުން ހިމެނޭގޮތަށް ރަހީނުކޮށްފައި ތިބި ދިވެހިން ގޮވައިގެން ފިލައިގެން ދިއުމަށް ރާއްޖޭގެ މުދާ އުފުލާއި ބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގައި ނައްޓާލިއެވެ. އިންޑިއާ ސިފައިންގެ އެހީތެރިކަމަށް އޭރު ދިވެހި ސަރުކާރުން ވަނީ އެދިފައެވެ. އިންޑިއާ ސިފައިން ރާއްޖެ އައިރު ދުޝްމިނުން ޕްރޮގްރެސް ލައިޓްގައި ރަހީނުކޮށްފައި ތިބި ދިވެހިން ގޮވައިގެން ނައްޓާލައިފިއެވެ. އެހެންނަމަވެސް އިންޑިއާއި ސިފައިންގެ އެހީތެރިކަމާއެކު ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކޮށް ދުޝްމަނުން ވަނީ އަތުލައިގެންފައެވެ.

ދިވެހިންނަން ނަސްރު ލިބުނުކަން އިއުލާން ކުރީ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުގައެވެ. ރައީސް މައުމޫން ސިފައިންގެ މައި މަރުކަޒުގައި ހުންނަވާ ނަސްރު ލިބުނުކަން އިއުލާން ކުރެއްވީ ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށެވެ. ދިވެހިންނަށް އަމާންކަން ލިބިގެންދިޔަ އެވެ. ދިވެހި ސިފައިންގެ މި ގުރުބާނީ ހަނދާންކުރަންޖެހެ އެވެ. މިކަމުން ފިލާވަޅު ލިބިގަންނަންޖެހެ އެވެ. ދިވެހިންގެ ތެރޭގައި ވެސް އަބަދުވެސް ގައްދާރުން ތިބި ކަމެވެ. ދިވެހި ގައުމާ ތޮޅެން، ނުކުންނަނީ ދިވެހި ލެއިން އުފެދިފައިވާ ދަރިން ކަމެވެ. މިއަދު ލިބިގަންނަންޖެހޭ ފިލާވަޅަކީ، މިހާރު އަޅުވެތިކަމުގެ ތެރެއަށް ވައްޓާލަނީ ކަނޑި، ބަޑިން ނޫން ކަމެވެ. ބޭރުގެ ދަރަނިވެރި ކަމަށާއި އިގްތިސޯދީ ގޮތުންނެވެ. މި ނަޒަރިއްޔާއިން، މިއަދު ގައުމުގެ ހާލަތާމެދު ކޮންމެ ދިވެއްސަކު ވެސް ވިސްނާލަންޖެހެ އެވެ. ދެން ވެދާނެ ގޮތަކާމެދު ވެސް ވިސްނާށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 ނޮވެންބަރ 2017 | ހޮނިހިރު 14:33
Ahmed Mohamed..
Kobaa comment jahaalan ves nukerey dhw....