ޕީޕީއެމްގެ ހަރުދަނާ ޤައުމީ އަދި ދީނީ މިސްރާބު ގެއްލުވާލާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި ޚިތޯބުގައެވެ. މި ޚިތޯބު އިއްވައިދެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތެވެ.
ރައީސް މައުމޫންގެ ޚިތޯބުގައި ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދިތާ ހަ އަހަރުވެގެންދާއިރު ޕާޓީ އުފައްދާފައި މިވަނީ ވަރަށް މުހިންމު މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި ކަމަށެވެ. އޭގެތެރޭގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ރާއްޖެއަށް ބޭނުންވާ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ޑިމޮކްރަސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް ޤައުމުގައި އަށަގެންނެވުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ދައުލަތުގެ ތިން ބާރަކީ މުސްތަޤިއްލުކޮށް ހިނގާ ތިން ބާރު ކަމުގައި ދެމެހެއްޓުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، މުޖްތަމަޢުގައި އުފެދޭ ފަސާދައާއި ހިންގުމުގެ ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމާއި، ސަރުކާރުގެ ވެރިންނާއި ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނާއި ކައުންސިލަރުން ފަދަ މަޤާމުތަކުގެ މީހުން ޒިންމާދާރުކުރުވައި، އެފަދަ މަޤާމުތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން ވެސް ހިމެނޭ ކަމަށް އެ ޚިތޯބުގައި ވަނީ ވިދާޅުވިއެވެ.
"މިދެންނެވީ ޕީޕީއެމް އުފެއްދުމުގައި އަޅުގަނޑުމެން ކަނޑައެޅި މަޤްޞަދުތައް ކަމުގައިވިޔަސް، މިވަގުތު ޕީ.ޕީ.އެމް. ހިނގަމުން މިދަނީ، ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށްކަމީ، އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. ހަމަ އެހެންމެ، ޕީ.ޕީ.އެމް. ގެ ހަރުދަނާ ޤައުމީ އަދި ދީނީ މިސްރާބު ގެއްލި، ސަރުކާރުގެ ދާއިރާގައި ހީވެސް ނުކުރާ މިންވަރަށް ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދިޔުމާއި، ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ނިގުޅައިގަތުމާއި، ޢަދުލު އިންސާފު ޤާއިމް ނުކުރެވުމަކީ، މިވަގުތު ޤައުމަށް ކުރިމަތިވެފައިވާ ނުހަނު ބޮޑެތި ގޮންޖެހުންތަކެއް،" ރައީސް މައުމޫންގެ ޚިތޯބުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިތޯބުގައި ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ، އޮނަރަބްލް ޤާސިމް އިބްރާހީމްއާއި، އަދާލަތު ޕާޓީގެ ރައީސް، އޮނަރަބްލް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ޕީ.ޕީ.އެމް.ގެ އިންތިޚާބީ އަދި ޤާނޫނީ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނާއި ހަތަރު މީހުން އިސްވެތިބެ މިހާރު ހިންގަމުން ގެންދާ އިސްލާޙީ މަސައްކަތްފެށީ އިސްވެދެންނެވުނު ގޮންޖެހުންތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ.
"ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެށްޓެއް އަލުން ޤާއިމްކުރުމަށާއި، ދިވެހި ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ އަސާސީ ޙައްޤުތައް އަނބުރައި ލިބިދިނުމަށާއި، ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމްކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ޢިއްޒަތް އުފުލުމަށާއި، ދިވެހި ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މިނިވަންކަމާއި ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވުމަށް މަގުފަހި ކުރުމަށްޓަކައި،" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރަމުންދާ އިޞްލާޙީ މަސައްކަތްތަކުގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިންނާއި، އެޕާޓީތަކުގެ ކައުންސިލްތަކާއި މަޖިލިސްތަކުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލީގޮތުން ނުހަނު އިޚްލާޞްތެރި ކަމާއެކު، ބައިވެރިވެ ވަޑައިގެން ދެއްވާކަމަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާ އިޞްލާޙީ މަސައްކަތުގައި ނުގުޑާފަދަ ޢަޒުމަކާއެކު މާތް ﷲ ގެ ވާގިފުޅާއެކު ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި މި މަސައްކަތަކީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރަން ޖެހޭނެ ޤައުމީ މަސައްކަތެއް ކަމަށެވެ.
ޚިތޯބު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް މުޙަންމަދު ނަޝީދާއި، އޮނަރަބްލް ޤާސިމް އިބްރާހީމްއާއި، އޮނަރަބްލް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ކާނަލް ރިޓަޔާރޑް މުޙަންމަދު ނާޒިމްއާ ބެހޭގޮތުން ނުޙައްޤުން ކުރެވިފައިވާ ޝަރްޢީ ޙުކުމްތައް މިހާރުން މިހާރަށް ބާޠިލްކުރުމަށްވެސް ގޮވާލައްވާ ކަމަށެވެ. ހަމައެއާއެކު، އެއްވެސް ޝަރްޢީ އަދި ޤާނޫނީ ހަމައެއް ނެތި ޖަލުގައި ބަންދުކުރެވިފައިވާ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ފާރިސް މައުމޫން ވެސް މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާއި އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނުޙައްޤުން ހިންގާފައިވާ ޢަމަލުތައް ބާތިލުކުރުމަށްވެސް ގޮވާލައްވާ ކަމަށާއި ޙަޤީޤަތެއްނެތް އެކިއެކި ތުހުމަތުތަކުގައި ޝަރީޢަތަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ކުރާ ދަޢުވާތައްވެސް ވަގުތުން ހުށްޓާލުމަށް ގޮވާލައްވާ ކަމަށެވެ.