ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފާއި ރައީސް އަބްދުﷲ ޔާމީން ވާދަކުރި ނަމަވެސް ލަތީފު އެގޮނޑި ކާމިޔާބު ކުރައްވާނެ ކަަމަށާއި ރައީސް ޔާމީން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ދިއްދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ، އިސްލާހީ މަސައްކަތުގައި ދިއްދޫގެ ރައްޔިތުން ބައިވެރިވެ ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ.
މި މޭރުމުން ވާހަކަދައްކަވާ އަމީތު ވަނީ މެންބަރު ލަތީފަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
" ރައީސް ޔާމީނު ހިތައް އަރާފާނެ ލަތީފު ގޮނޑިއަށް އައީ މުސާރައިގެ ދަހިވެދިކަމުގައި ކަމަށް. ނުވަތަ އިއްޒަތާއި އަބުރާއި ލައްޒަތުގެ ބޭނުމުގައި ކަމަށް. ނޫން. އަޅުގަނޑުމެންނަށް ދޭ މޫސަރައެއް މުހިއްމެއް ނޫން. ރައްޔިތުން އަޅުގަނޑުމެން އިންތިހާބު ކުރީ މުސާރަ ނަގައިގެން އެތަނުގައި ތިބެންތޯ. އަޅުގަނޑުމެންނަށް މުހިއްމީ ރައްޔިތުންގެ ހައްގުގައި ބަސްބުނުން. އެބަސް ބުނުމައްޓަކާއި ލަތީފު ނިކުމެވަޑާއިގަތީ. ރައީސް ޔާމީން ވަނީ ރައްޔިތުންނަށް އަނިޔާވެރިވެފައި. އަނިޔާވެރިވެފައި މި ބުނަނީ އިންތިހާބެއް މިތަނުގައި ބާއްވަނީއޭ،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ، އިންތިހާބެއްގެ ވާހަކަދައްކާ އިރު ރައީސް ޔާމީން އެންމެ ފަހުން ދިއްދޫއަށް ވަޑައިގަތީ ޕްރައިމަރީ އިންތިހާބުގެ ކެމްޕެއިންގައި ކަމަށާއި ހަތަރު އަހަރު ވެގެންދިޔަ އިރު ވެސް އެރަށަށް އަރާވަޑައިނުގެންނެވި ކަމަށެވެ. އެމަނިކުފާނަށް ދިއްދޫއަށް އަރާވަޑައިގަތުމަށް ކެރިވަޑައިނުގަތްކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ،އަނެއްކާ ވެސް އިންތިހާބެއްގެ ވާހަަކަަ އަޑު އިވޭ އިރަށް މެޑަމް ފާތިމަތު އިބްރާހިމް ދިއްދޫ އަށް ވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ވޯޓު ނުދެއްވާނެ ކަމަށެވެ.
މެންބަރު ލަތީފު އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ހައްގުގައި ހުންނެވިކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ އަނިޔާވެރިކަމުން ރައްޔިތުން މިއަދު ސަލާމަތްވާންޖެހޭ ކަަމަށެވެ.
އަމީތު ވިދާޅުވީ، އަނިތާވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ތަރައްގީއެއް ނުލިބޭނެ ކަމަށާއި ތަރައްގީ ގެނައުމަަށްޓަކައި އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނަން ޖެހޭ ކަމަށެވެ.