ފުލުހުން ތަހުގީގު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި ހޯދަން އިއުލާން ކޮށްފައިވާ ތިން މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ކ. ކާށިދޫ، ދަފްތަރު ނަންބަރު 02، އިބްރާހިމް ނިޔާޒް (32އ) އާއި ހދ. ހަނިމާދޫ، ނަސްރު، މުހައްމަދު ޝާކިރު (39އ) އާއި ސ. ހިތަދޫ، ބޯށިވަލުގެ، ޙުސައިންދީދީ (37އ) އެވެ.
އެ ތިން މީހުންގެ ތެރެއިން އިބްރާހިމް ނިޔާޒް ހޯދަމުންދަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި މުހައްމަދު ޝާކިރު ހޯދަމުންދަނީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށާއި ޙުސައިން ދީދީ ހޯދަމުންދަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އެ ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މަޢުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.