އެކަނި އަރައިގެން ފުޓްބޯޅަކުޅެން ދެން ރައީސް އަބުދުﷲ ޔާމީނަށް ޖާގައެއް ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ، ޕާޓީތަކުގެ އިސް ބޭފުޅުން ޖަލަށް ލާފައި ބައިތިއްބައިގެން ގިނިކަންޏާ ނުކުންނަވައި ދަނޑުގައި ކުޅުއްވާ މޮޅުވާން ފުރުސަތު ދީގެން ނުތިބޭނޭ ކަމަށެވެ.
މި ވެރިކަން 2018 ވަނަ އަހަރު ބަލިކުރާނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނުކުންނަ ކެނޑިޑޭޓް ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް އެކިގޮތް ގޮތުން ޖެއްސުންކޮށް ޖަލަށްލާން މަސައްކަތް ކުރި ނަަމަވެސް އެބޭފުޅުންގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި އޭނާ މި ދައުލަތް ސިފަކުރެއްވީ، "ދޮންކެޔޮ" ދައުލަތުގެ ގޮތުގައެވެ.
ޑރ. ހުސެއިން ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ކުރަމުންދާ މަސައްކަތާއިއެކު، ރައީސް އަބުދުﷲ ޔާމީން 2018 އަށް ބަލިކުރާނީ، ދެން ދުވަހަކު ވެސް ވެރިކަމަށް ކުރިމަތިލައްވަން ނުކެރޭ ވަރަށެވެ.