ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ހުއްޓުވާފައި ނޫނީ ރައްޔިތުން މި ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އެވެ.
ދިއްދޫގައި މިރޭ ކުރިއަށްދާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ބަދަލުކުރުމަށް ފަހު ކަމަށެވެ. ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުން އެ މަސައްކަތުގައި ފެޔަށް ނުޖެހި ކުރިއަށްދާނެ ކަމަށެވެ.
ދިއްދޫގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތުގައި އަބަދުވެސް އެންމެ ފުރަތަމަ ނިކުންނަ ރަށްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ތިލަދުންމަތިން ރައީސް ޔާމިނަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.
"މިއަދުގެ ހާލުގެ ދޫ ގޮވަމުންދަނިކޮން މި އިންނެވި ދިއްދޫގެ މެމްމަބަރު މުހައްމަދު ލަތީފަށް ވިއަސް، މިއިންނެވި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް،ވިއަސް އަނިޔާވެރިކަންމަތީ ކަނދޫ ތިރިކޮށްލުމެއް ނެތި ހިތްވަރާއެކީ ނިކުމެ ސާބިތުކޮށް އެ ދެއްދަވަނީ ދިވެހި ރައްޔިތުންގެ ހަށިގަނޑުގައި މި ހިނގަނީ ހަގީގީ މިނިވަންކަމުގެ ރޫހޭ، މި އަނިޔާވެރިކަމުގެ ކުރިމަތީ ބޯ ނުލަނބާނަމޭ،" ޝާހިދު ވިދާޅުވި އެވެ.
ރިޔާސީ ދައުރެއްގެ ހަތަރު އަހަރު ނިމޭއިރު އެމީހާގެ ދިރިއުޅުމަށް އައީ ކޮން ހެޔޮ ބަދަލެއްތޯ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފުސާ ސުވާލު ކޮށްލަން ޖެހޭ ކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ދިޔައީ ފަހަތަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ އަނިޔާވެރިކަމެއް ނެތް އަދި ތަނަވަސް ދިރިއުޅުމެއް ކަމަށާއި އެކަން މި ސަރުކާރުގައި ހާސިލް ނުވާކަން ކޮންމެ މީހަކަށް ވެސް ވިސްނާލުމުން އެނގޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ކާޑުގެ އަގުވީ ބޮޑު، ތެލުގެ އަގުވީ ބޮޑު، ޓެކްސް ބޮޑުވީ، ކޮރަޕްޝަން ބޮޑުވީ، ވައްކަން އިތުރުވީ، އަނިޔާވެރިކަން އިތުރުވީ، ދަރަނިވީ ބޮޑު، އެއީ މިއަދުގެ ހަގީގަތަކީ،" ޝާހިދު ވިދާޅުވި އެވެ.