ގައުމުގައި ކަން ހިނގާ ގޮތް ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާލިހަލަކަށް 2018 ވަނަ އަހަރު ވޯޓު ނުދެއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަަވަމުން ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރުން ތަރައްގީގެ ނަމުގައި ކުރާ މަސައްކަތަކީ، އަލަށް ކަމެއް ކުރުމުގެ ބަދަލުގައި އެއް ތަން ވައްޓާލާފައި އަނެއް ތަން ހެދުން ކަމަށެވެ. އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކަރުން އައްޑޫ ސިޓީގައި އިމާރާތްކުރި ކޮންވެންޝަން ސެންޓަރު ނައްތާލި ނަމަވެސް އެ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި ރައީސް ނަޝީދަށް އޮތް ލޯތްބެއް ފޮހެނުލެވޭނެ ކަމަށެވެ.
"ތަރައްގީއޭ ކިޔާފައި ފެނިގެންދަނީ ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެންދާ މަންޒަރު. އެންމެފަހުން އޭސީސީން ވެސް އަތް އަޅައިގެން އެތަށް ދުވަހަކު އޮވެފައި ބުނެފި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް ވާހަކަ. އެވާހަކަ ބުނެފަ މިބުނަނީ މައްސަލަ ފައިލް ކުރި ވާހަަކަ. އެެހެން ނަމަވެސް ރައްޔިތުން ބޭނުންވޭ މިކަންކަން ހިނގާދިޔަ ގޮތް އެގެން،" ރޮޒައިނާ ވިދާޅުވި އެެވެ.
ރޮޒައިނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ވާހަކަ ދައްކަވާ އިރު، ރައީސް ޔާމީން ވަނީ ވާނުވާ ނޭނގޭ ކަމަށް ވިދާޅުވެފައި ކަމަށާއި ވާނޫނާ ނޭނގޭ ވެރިއަކު ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ފެއިލްވެފައިވާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ތަރައްގީގެ ނަމުގައި ކޮރަޕްޝަން ހިންގާ ސަރުކާރުކަށް ރައްޔިތުން ވޯޓު ދޭންޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ.
"އަދުލް އިންސާފުގެ ނިޒާމު ތަޣައްޔަރުކޮށް، ދިވެހި ޒުވާނުން ހަލާކުކޮށް ކޮށާ މަށާ މަރާ މަގުމައްޗަށް ވައްޓާ ރައީސަކަށް ދިވެހި ރައްޔިތުންނެއް ނުދޭނެ. ޒުވާނުން ގެދޮރުވެރި ކުރަނީއޭ ކިޔާފައި އަލަތު ކައިވެނި ކުރަނީއޭ ކިޔާފައި އަމިއްލައަށް ގެދޮރުވެރިވަނީ،"" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވަނީ 2018 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ސާފުކޮށް ރިޔާސީ އިންތިހާބުގައި ނަގާ ވޯޓުން ނޫނެކޭ ބުނާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސް ޔާމީން ބަލި ކުރާނެ ކަމަށެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ފައިސާ ހޯދާ ގޮތް ބަލަން ބޭނުން ނުވިޔަސް ރައްޔިތުން، ފައިސާ ހޯދާ ގޮތް ބަލަން ބޭނުންވާ ކަމަށާއި މިނިވަން މުއައްސަސާތަކުން ވެސް އެކަން ރައްޔިތުންނަށް އޮޅުން ފިލުވަދޭން ޖެހޭ ކަމަށެވެ.