ދައުލަތުގެ ރަސްމީ ރިޒާވް އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު 7 އިންސައްތަ ދަށްވެ، ރަސްމީ ރިޒާވް 519.4 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ.
މަރުކަޒީ ބޭންކުން ކޮންމެ މަހަކު އާއްމުކުރާ އިޤްތިޞާދީ ރިވިއުގައި ބުނެފައި ވަނީ މިވެއްޓުމަކީ އަހަރުން އަހަރަށް ބަލާއިރު ވެސް 4 އިންސައްތައިގެ ވެއްޓުމެއް ކަމަށެވެ. ދައުލަތުގެ ރިޒާވްގައި ހުރި މިންވަރު 519.4 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، ޔޫޒަބަލް ރިޒާވްގައި ހުރީ 191.9 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ މިންވަރެވެ. ޔޫޒަބަލް ރިޒަރވް ވެސް މަހުން މަހަށް ބަލާއިރު އެވަނީ އަށް އިންސައްތަ ވެއްޓިފައެވެ. އެމްއެމްއޭއިން ބުނީ ޔޫޒަބަލް ރިޒަރވް ދަށްވީ މަރުކަޒީ ބޭންކުން ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވުމާ ގުޅިގެން ކަމަށެވެ.
މާލީ އެހެން ހިސާބުތަކަށް ބަލާއިރު ދިވެހި ފައިސާގެ އަގު ޔޫރޯ އާއި ޕައުންޑާއި އަޅާބަލާއިރު ވަނީ ވެއްޓިފައެވެ. އެހެން ނަމަވެސް ޗައިނީޒް ޔުއާން އާއި ސިންގަޕޫރު ޑޮލަރާއި އަޅާބަލާއިރު ދިވެހި ފައިސާގެ އަގު އެއްވަރެއްގައި ވަނީ ހިފެހެއްޓިފައިއެވެ.
ސެޕްޓެމްބަރު މަސް ނިމުނު އިރު އިޤްތިޞާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދު 29.8 ބިލިއަން ރުފިޔާއަށް އަރާއިރު، މަނިޓަރީ ބޭސްގައި ހުރި މިންވަރަކީ 9.9 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 1 އިންސައްތަ ދަށް އަދަދެކެވެ.
ސަރުކާރުގެ އާމްދަނީއަށް ބަލާއިރު ހިލޭ އެހީ ނުލައި ސަރުކާރަށް ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 306.1 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އޭރު ބުނެފައިވަނީ ސެޕްޓެމްބަރު މަހު އާމްދަނީ ދަށްވެފައި ވަނީ ޓެކްސް ފައިސާ އިތުރުވި ނަމަވެސް އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވުމާއި ގުޅިގެންނެވެ. އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ދައުލަތުގެ ޚަރަދުތައް ވަނީ 1.6 ބިލިއަން ރުފިޔާއަށް ސެޕްޓެމްބަރު މަހު އަރާފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 32.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިމިންވަރު ދަށްވެފައި ވަނީ ކެޕިޓަލް ޚަރަދުތައް އިތުރުވި ނަމަވެސް ރިކަރަންޓް ޚަރަދުކުޑުވުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ރޭޓް ވެސް ވަނީ 2.9 އިންސައްތަ އިތުރުވެފައެވެ.