ޝަހްސު އޮޅުވާލުމުގެ ދައުވާއިން ދިފާއުވުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ދިފާއީ ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް 47 ހެއްކިން ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
ފާރިސްގެ ގާނޫނީ ވަކީލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ދިފާއީ ހެކިންގެ އިތުރަށް ފާރިސްގެ ފަރާތުން 27 ކިތާބީ ހެއްކެތް ހުށަހަޅާފަ އެވެ. އޭނާ ވިދާޅުވި ގޮތުން ހެކިން ބަހާލާފައިވަނީ މައިގަނޑު އަށް ބަޔަކަށެވެ.
"އެންމެ ފުރަތަމަ އެ މައްސަލަ ތަހްގީގުކުރި ބޭފުޅުން. ދެން ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މެމްބަރުން، ޕީޕީއެމްގެ ކައުންސިލް މެމްބަރުން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީގެ ބޭފުޅުން، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން، 22 މާޗް 2017ގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ހާޒިރީން،" އޭނާ ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވި ގޮތުގައި މި ހެކި ހުށައަޅައިގެން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ސާބިތުކޮށްދޭން ބޭނުންވަނީ ގާނޫނާ އެއްގޮތައް ފާރިސް ޕީޕީއެމް އިން ވަކިކޮށްފައިނުވާ ކަމެވެ. އަދި ފާރިސް ޕީޕީއެމްއިން ވަކި ކުރުމަށް ކައުންސިލް މެމްބަރުން އިލެކްޝަނަށް ހުށަހަޅައިގެން ހިންގާފައިވާ އިޖުރާއަތްތަތަކީ ބާތިލް އިޖުރާއަތްތަކެއްކަން ސާބިތުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދިއެހެންމެ ޕީޕީއެމްގެ ލޯގޯއެއް ނުވަތަ ދިދައެއް ވިޔަސް ބޭނުން ކުރުމަށް އެ ޕާޓީގެ މުޝްތަސާރުގެ ހުއްދަ ބޭނުންނުވާނެ ކަން ވެސް ކޯޓަށް ސާބިތުކޮށްދޭނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.
އޭގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް އަބްދުﷲ ފުލުހުންނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފާރިސްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭނާއަކީ އޭރު އެ މަގާމުން ވަކިކޮށްފައިވާ މީހަކަށް ވާތީ އެ މައްސަލަ ވެސް ސައްހަ ނުވާނެކަން ސާބިތުކޮށްދޭނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.
ފާރިސްގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައަކީ ޖިނާއީ ތުހްމަތެއް ތުހްމަތުގައި ކޮށްފައިވާ ދައުވާއެއް ނޫން ކަން ވެސް ހެކިންގެ ހެކިބަހާއެކު ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފާރިސްގެ މައްޗަށް ތުހްމަތުކުރާ އަމަލު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މީގެ ކުރިން ހިނގާފައިވާއިރު އެމީހުންގެ މައްޗަށް އެ ފަދަ އެއްވެސް ތަހްގީގެއް ނުހިންގޭކަން ސާބިތުކުރުމަށް ވެސް ހެކިން ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެމްޑީޕީން ވަކިކުރި ފަހުން ވެސް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކޮށްފައިވާކަން އޭނާ ފާހަގަ ކުރައްވާ ޕީޕީއެމްގެ އެތެރޭގައި ވެސް ހިނގި ކަންކަން ފާހަގަ ކުރެއްވި އެވެ.
އެގޮތުން މިހާރު ހިނގާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން ޕީޕީއެމްގެ މީހެއްގެ ގޮތުގައި ދައްކަ ކެމްޕެއިން ކުރިކަން ސާބިތުކޮށްދިނުމަށް މިހާރުގެ ބައެއް މެމްބަރުން ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަންވަނީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ. އޭގެ އިތުރުން ޕީޕީއެމްގެ މެމްބަރެއް ނޫން ގޮތުގައި ހުރެ ޕީޕީއެމްގެ ލޯގޯ އާއި ނަން ބޭނުންކޮށްގެން ހޮވިވަޑައިގެންނެވި ދާންދޫ ދާއިރާގެ މެމްބަރު އަޙްމަދު އައްސަދުގެ ނަން ވެސް ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ.
ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް ޕީޕީއެމްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނާ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ސިއްރު ދެ ހެކިން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި ހެކި ބަސް ނެގުމަށް ބުރާސްފަތި ދުވަހު ބާއްވަން އޮތް އަޑު އެހުން ކެންސަލްކުރީ އޭގެ ތެރެއިން އެކަކު ބަލިވެ އުޅޭތީ ކަމަށް ކޯޓާ ހަވާލާދީ ފާރިސްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވެސް އާންމުނަށް ނުވަދެވޭނެ ގޮތައް ސިއްރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަކީ ހުޅުވާލެވިގެން ހިންގޭ ޝަރީއަތުގެ މަޖިލީހުގެ ހައްގު ފާރިސްއަށް ނުދިނުން ކަމަށާއި ޝަރީއަތުގެ މަޖިލީސް ސިއްރު ކުރުމާ ގުޅޭ ގޮތުން ފާރިސްއަށް ބަހެއް ބުނެވެން ޖެހޭނެ ކަމަށް ޝަމީލް ވިދާޅުވި އެވެ.