ކޮމިއުނިކޭޝަން އޮތޯރިޓީގެ މިދިޔަ އަހަރުގެ ހަރުމުދަލުގެ ސައްޙަ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިހެން ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ މާރޗް 8 އިން ޑިސެމްބަރ 31 ގެ ނިޔަލަށް ހިމެނޭ މާލީ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރެވުނު ކަންތައްތަކުގެ ގޮތުގައި ހިމަނުއްވައިގެންނެވެ.
އެއޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވސްއިން ލިޔެ ބަލަހައްޓަމުން ގެންދާ ހަރުމުދަލުގެ ރަޖިސްޓްރީން ހަރުމުދަލުގެ ގޮތުގައި ދައްކާ ޖުމްލަ ޢަދަދާއި އޮތޯރިޓީގެ ޑިސެމްބަރ 31، 2016 އަށް ނިމުނު މާލީ އަހަރުގެ މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ ގޮތުގައި ހިމަނާފައިވާ ޢަދަދާ ދެމެދު ޖުމްލަ 326177 (ތިން ލައްކަ ސައްބީސް ހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާގެ ފަރަގު ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެފަރަގު ދެނެގަތުމުގެ ގޮތުން ހަރުމުދަލުގެ ރަޖިސްޓްރީ އާއި މާލީ ބަޔާންތައް އަޅާ ކިޔާފައި (ރިކޮންސައިލް ކުރެވިފައި) ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ ގޮތުގައި އޮތޯރިޓީން ހިމަނާފައިވާ ޢަދަދުގެ ސައްޙަކަން ކަށަވަރުކުރެވެން ނެތް ކަން ފާހަގަ ކުރާ ކަމަށެވެ.
އެކަން އިސްލާހް ކުރުމުގެ ގޮތުން އެފަރަގު އައިސްފައިވާ ސަބަބުތައް ދެނެގަތުމަށް ފަހު، ހިސާބުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް އޮޑިޓަރ ޖެނެރަލް ދަންނަވާފަައިވެއެވެ. އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައިވާ ގޮތަށް ދައުލަތުގެ ކެޕިޓަލް ބަޖެޓުން ޚަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތް ގޮތުން ދައުލަތައް ލިބޭ މުދާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރުމުދަލުގައި ހިމަނައިގެން ބެލެހެއްޓުމަށް ދަންނަވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.