ރައީސްޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ވަދެފައިވާކަން އޭސީސީގެ ތަހުގީގުން ސާބިތުވެއްޖެ ކަމަށާއި، އެވާހަކަ ރާއްޖެޓީވީން ދެއްކުމުން ސްޓޭޝަނާ މެދު ފިޔަވަޅު އެޅީ އިންސާފުން ނޫން ކަމަށް ވާތީ، މިފަހަރު މާފަށް އެދެންޖެހޭނީ ބްރޯޑްކޮމްެއިން ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.
ފެބްރުއަރީ 9، 2016 ގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމްގައި، އިސްލާމިކް ބޭންކުގައި އޮންނަ ރައީސްގެ އެކައުންޓަކަށް ޖަމާވި ފައިސާތަކެއްގެ ވާހަކަ ހެއްކާ އެކު އެމްޑީޕީގެ އޭރުގެ ޗެއާޕާސަން އަލީ ވަހީދު ހާމަ ކުރެއްވުމުން، ކަމުގެ ހަގީގަތް ބެލުމެއް ނެތި ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ވަނީ ހަރުކަށި ފިޔަވަޅު އަޅާފަ އެވެ.
ރާއްޖެޓީވީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ފަލަސުރިޚީ" ޕްރޮގްރާމުގައި އަލީ ވަހީދު ދެއްކެވި ވާހަކައަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ހިލާފު އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ވާހަކަތަކެެއް ކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީން އެކަމަށް މައާފަށް އެދުމަށް މަޖުބޫރުކުރުވި ކަމަށެވެ. އަދި ޑިލޭއެއް ނުލައި "ފަލަސުރިޚީ" ޕްރޮގްރާމް ބްރޯޑްކާސްޓްކޮށްގެން ނުވާނެ ކަމަށް އަންގާ އިންޒާރު ދިން ކަމަށެވެ.
"އޭރު ވެސް ރާއްޖެ ޓީވީން ބުނަމުން ދިޔައީ އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖެޓީވީން ދިފާއުގައި ދެއްކި އެއްވެސް ވާހަކަ އަކަށް ރިއާޔަތް ކުރުމެއް ނެތި އެ ހަރުކަށި ފިޔަވަޅު ރާއްޖެޓީވީގެ މައްޗަށް ތަންފީޒް ކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން މިއަދު މިވަނީ ރާއްޖެ ޓީވީން ގެނެސްދިން އެ މައުލޫމާތަކީ ތެދު ހަގީގަތްކަން ހާމަވެފަ އެވެ،" ރާއްޖެޓިވީގެ ބަޔާނުގައިވެއެވެ.
ރާއްޖެޓީވީން ބުނީ، އަލީ ވަހީދު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއްކަން ހާމަވެ، ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ދެ ބުރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހްގީގުން ކަށަވަރުވެފައިވާ ކަމަށެވެ.
ރާއްޖެޓވީން ބުނީ، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތަހްގީގުން އެނގެން އޮތުމުން، ކަށަވަރުވެގެން ދަނީ ބްރޯޑްކާސްޓިން ކޮމިޝަނަކީ އެއްވެސް އިންސާފެއް، ހަމައެއް ލަމައެއް ނެތި، ނުހައްގުން ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާ މުއައްސަސާއެއް ކަމެވެ.
ޒިންމާދާރު ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ރާއްޖެޓީވީން އެ މައުލޫމާތު ހާމަކުރީ އިތުބާރު ކުރެވޭ މަސްދަރަކުން ހެއްކާ ގަރީނާއާ އެކުގައި ކަމަށް ރާއްޖެޓީވީން ބުންޏެވެ.
އެގޮތުން ހާމަކުރާ އެ ފަދަ މައުލޫމާތަކީ ގައުމީ މަސްލަހަތު ހިމެނޭ މައުލޫމާތެއް ނަމަ އެކަން އިތުރަށް ތަހުގީގުކޮށް ބެލުމަަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ރާއްޖެޓީވީން ބުނެއެވެ.
ބްރޯޑްކާސްޓިނގ ކޮމިޝަނުން ރާއްޖެޓީވީއާ މެދު ފިޔަވަޅު އެޅީ އެފަދަ ތަހުގީގަކަށް މަޑުކުރުމެއް ނެތި ކަމުގެ ހަގީގަތް ސާފުނުވެ ތިބެގެންކަން މިއަދު ހާމަވެފައިވާއިރު، ބްރޯޑްކާސްޓިން ކޮމިޝަންގެ މި އަމަލުގެ ސަބަބުން ކަށަވަރު ވަނީ، އެ މުއައްސަސާއާ މެދު ދިވެހި ގިނަ ރައްޔިތުން ދެކެމުން އަންނަ ގޮތަށް، އެއީ ސިޔާސީ ނުފޫޒުން ފުރިފައިވާ ވަކި ފަރާތެއްގެ މަސްލަހަތު ރައްކާތެރިކޮށްދޭ މުއައްސަސާއެއް ކަމުގައި ދެކޭ ކަމަށް ރާއްޖެޓީވީން ބުންޏެވެ.
ބްރޯޑްކޮމްގެ އެ ނިންމުމާ ގުޅިގެން ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލުދީ، އެ މައްސަލައަކީ ބާތިލް މައްސަލައެއް ކަމަށް ކަނޑައަޅައި ރާއްޖެޓީވީގެ ކިބައިން އެކޮމިޝަނުން މާފަށް އެދުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފައެވެ.