ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އެޗް' ގައި މި ދެ ޓީމު އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުންއިރު ދެ ޓީމު ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި ވުމާއެކު މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާ މި މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެ ފުރުސަތުތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފާފައިވަނީ ޓޮޓެންހަމް އިންނެވެ.
މެޗު ފެށިގެން ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޓޮޓެންހަމްގެ އެންމެ މުހިންމު ޑިފެންޑާ ޓޯބީ އަލްޑަވިއާލްޑަށް އަނިޔާވެ ބާލަން ޖެހުނެވެ. އެހެނަސް މި ބަދަލު އެ ޓީމުން ގެނައިތާ ތިން މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ކިއެރަން ޓްރިޕިއާ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ޑެލޭ އަލީ ޖަހައިދިން ލަނޑެކެވެ. މި ލަނޑަށް ފަހު މެޑްރިޑުން އެ ޓީމުގެ ކުޅުން ރަނގަޅުކުއިރު އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަކަށް ވެގެން ގޮސްފައި ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސްއެވެ.
ފުރަތަމަ ހާފު 1-0 އިން ޓޮޓެންހަމް ކުރީގައި އޮވެގެން ނިމުނުއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި މޮޅަށް ޑިފެންޑް ކޮށްފައެވެ. ރެއާލްގެ ޑިފެންސްގެ ފަރާތުން ތަކުރާރުކޮށް ފެންނަމުން ދިޔަ ގޯސްތަކުގެ ފައިދާ ނަގައި ޑެލޭ އަލީ ވަނީ ޓޮޓެންހަމްއަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑަށް ފަހު ރެއާލްއަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކައުންޓާ އެޓޭކުގައި ހެރީ ކޭން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކްރިސްޓިއަން އެރިކްސެން ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނުމެވެ. މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ރެއާލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި ގްރޫޕުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ފުރުސަތު ނަގާލާފާއެވެ. އެގޮތުން އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު 1-1 އިން އެއްވަރުވުމާ ވިދިގެން މި މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް އެ ޓީމަށް ވަނީ ގާތްގަނޑަކަށް ފުރުސަތު ގެއްލިފައެވެ.
ޑޯޓްމަންޑުން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު މި ހަމަލާތަކުގެ އެންމެ ބޮޑު ހުރަހަކަށް ވެގެން ގޮސްފައިވަނީ އެޕޮއެލްގެ ކީޕަރު ނައުޒެތް ޕެރޭޒްއެވެ. އޭނާ ވަނީ މި މެޗުގައި ހަތް ސޭވްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޝިންޖީ ކަގަވާ ތަނަވަސް ކޮށްދިން ފުރުސަތެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ރަފައޭލް ގުރޭރޯއެވެ.
ޑޯޓްމަންޑް ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިމިގެން ދިޔައިރު އެޕޮއެލް އިން ނަތީޖާ ހަމަހަމަ ކުރި ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ 51 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވާޑް މީކާއެލް ޕޯޓޭއެވެ.
މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވި ހަމައެކަނި ޓީމަކީ ޓޮޓެންހަމް އެވެ. ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 10 ޕޮއިންޓާއެކު އެ ޓީމު ދެވަނަ ބުރަށް ކޮލިފައިވިއިރު ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ރެއާލް މެޑްރިޑްއެވެ. މި ގްރޫޕުގެ ތިން ވަނަ ލަނޑުގެ ތަފާތުން ދެ ޕޮއިންޓާއެކު ޑޯޓްމަންޑަށް ލިބޭއިރު ތާވަލުގެ ފުލުގައި އޮތީ އެޕޮއެލް ނިކޯސިއާ އެވެ.