ގިނަ ދުވަސްވެފައިވާ ގާޒީ ބިލްޑިންގެ ސީލިންގުން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ގިނަ ދުވަސްވެ ބާ ވެފައިވާ "ގާޒީ ބިލްޑިންގ" އިމާރާތުގެ ފަންގި ފިލާގެ ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ސީލިންގުން ބައެއް ވެޓުނީ ގާޒީ ބިލްޑިންގުގެ ދެ ވަނަ ފަންގި ފިލާއިންނެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ހިންގަމުން އަންނަ ބައެވެ. އަނިޔާވީ އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށެވެ.
އެކަން ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 ހާއިރު ކަމަށް ވެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ ސީލިންގުން ބައެއް ވެއްޓި ޖެހުނީ އެ އަންހެން މީހާގެ ބޮލުގައި ކަމަށެވެ. އަދި ވަގުތުން އެމްބިއުލަންސްގައި އައިޖީއެމްއެޗް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ގެއަށް ފޮނުވާލާފަ އެވެ. ނަމަވެސް އަދިވެސް އެ އަންހެން މީހާގެ ބޮލަށް އުނދަގޫވާތީ އުޅޭ ކަމަށް އެމީހާ ބުންޏެވެ.
މިއީ އެ ފަންގިފިލާގެ ސީލިންގުން ބައެއް ވެއްޓުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެއްޓުނު ފަހަރު މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.