ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މޭނޭޖަރުންނަށް އަމާޒުކޮށް މަޝްވަރާ ބައްދަލުވުންތަކެއް އެކުންފުނިން ކުރިއަށް އެބަގެންދެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބާއްވާ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމާ ގުޅޭ ގޮތުން އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު އަރީފް ވިދާޅުވީ މި މަޝްވަރާ ބައްދަލުވުން މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އަރީފް ވިދާޅުވީ އެކުންފުށީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 153 ބްރާންޗް ހިމެނޭ ކަމަށާއި މައިގަނޑު މަސައްކަތްތައް ހުރީ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ. އަދި އެ ބްރާންޗްތަކާ ހަވާލުވެ ހުންނަވާ ރީޖަނަލް މެނޭޖަރުން ތިއްބަވާއިރު، ރަށްރަށުގައި ހިދްމަތްތައް ދިނުމަށް ދިމާވެފައިވާ ދަތިކާއި ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.
އަރީފް ވިދާޅުވީ ރީޖަނަލް މެނޭޖަރުންގެ ޒިންމާތަކާއި ދިމާވާ ދަތިތަކުގެ އިތުރުން ކުންފުނީގެ ހިދްމަތްތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާތީ އެމަސައްކަތުގެ ދަށުން ހިންގާ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މިބައްދަލުވުންތަކުން ކުންފުނީގެ ހިންގުމަށް ރަނގަޅު ހެޔޮބަދަލުތަކެއް އަންނާނެ ކަމަށާއި އެއީ ފެނަކަ ހެޑް އޮފީހާއި އެންމެ ބޮޑު ގުޅުމެއް ބާއްވާ އަދި ބާއްވަންޖެހޭ ފަރާތްތަކަކީ ރީޖަނަލް މެނޭޖަރުން ކަމަށް ވާތީ މިފަދަ މަޝަވަރާ ބައްދަލުވުންތަކުގެ މުހިއްމުކަން ވަރަށް ބޮޑުކަން ވެސް އަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަރީފް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުގެ 16 ރީޖަނަލް އޮފީސް ހުންނަ ކަމަށާއި އެ އޮފިސްތަކުގެ މެނޭޖަރުން މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.