ރައީސް އަބްދުﷲ ޔާމީންގެ ދޮށީ ދަރިކަލުންނަށް ސަރުކާރުގެ ގެއަކުން އެޕާޓްމެންޓެއް ކުއްޔަށް ދިނީ އުސޫލުގެ ދަށުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ކަނޑައަޅައިފި އެވެ.
ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށް ސަރުކާރުގެ ގެއެއް ކަމަށްވާ މުރައިދޫގެއިން ދެ ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ދިނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. މީޑިއާތަކުން އެއިރު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕާޓްމެންޓުގެ ކުލީގެ އަގަކީ 12،000 ރުފިޔާ އެވެ.
އެ މައްސަލަ ބެލުމަށް ފަހު އޭސީސީއިން ބުނީ އެކަމަކީ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމުގެ ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންނުވާ ކަމަށެވެ.
އެޕާޓްމަންޓް ކުއްޔަށް ދިނުމާއި، އެތަނުގެ ކުލި ނުދައްކައިގެން އެރި ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ބުނެ މައްސަލަ އޭސީސީއަށް ހުށަހެޅީ އެމްޑީޕީއިންނެވެ. އެމްޑީޕީއިން އެދިފައިވަނީ ރައީސްގެ ދަރިކަލުންނަށް އެޕާޓްމަންޓް ދިން އުސޫލު ސާފުކުރުމަށެވެ.
ކުއްޔާއި ޖޫރިމަނާ ފައިސާ މައާފު ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ފިނޭންސް މިނިސްޓަރު އެންގެވި އެންގެވުމަކީ މަގާމު ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމަށް އެމްޑީޕީއިން ތުހުމަތު ކޮށްފައިވެއެވެ.