ސްރީލަންކާގެ ސަރުކާރުން ކުރިޔަށްގެންދާ ރިކޮންސިލިއޭޝަން ޕްރޮގްރާމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ރައީސް މަތިރިޕާލާ ސިރިސެނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޓަރންބުލް ރައީސް ސިރިސެނާއަށް މަރުހަބާ ވިދާޅުވީ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި ބުރާސްފަތި ދުވަހު ހެނދުނު ދެ ބޭފުޅުން ބޭއްވެވި ރަސްމީ ބައްދަލު ކުރެއްވުމުގައި ކަމަށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވަނީ އިންސާނުން ވަގަށް ނެގުމާއި ޑްރަގް ޓްރެފިކިންގ ފަދަ އެކި ގައުމުތަކުގައި ހިންގާ ކުށްތައް ހުއްޓުވުމަށް ސްރީލަންކާއިން ދޭ އެއްބާރުލުން އިތުރުކޮށްފައިވާތީ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އޮސްޓްރޭލިޔާއިން އިތުރު އެހީދޭނެކަން ކަށަވަރު ކޮށްދެއްވާފައެވެ.
އޭގެ އިތުރުން އަވަސް ގޮތެއްގައި ސްރީލަންކާގައި ނޭޝަނަލް ޑިފެންސް ކޮލެޖެއް ގާއިމް ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރު ޓަރންބުލް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ލަންކާގެ އަސްކަރިއްޔާގެ އިސް އޮފިސަރަކަށް އެ ކޮލެޖްގައި ކިޔަވައިދިނުމަށް އިދާރީ އަދި ކަރިކިއުލަމްއާ ހޮވާލެވޭ މޮޑިއުލްތައް ތައްޔާރުކުރުމަށް ދެ އަހަރުވަންދެން ތަމްރީނު ދޭނެ ކަމަށެވެ.
ލަންކާގެ ސަރުކާރަށް ކޯސްޓްގާޑުގެ ތިން އުޅަނދު ދިނުމަށް ބޮޑުވަޒީރު ނިންމަވާފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
" އެއީ ވަރަށް ދުވެލިބާރު އަދި އައްސޭރިފަށް ބެލެހެއްޓުމަށް ވަރަށް ބޭނުންތެރި އުޅަނދުތަކެއް" ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ރައީސް ސިރިސެނާ ވަނީ ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން ދިނުމަށް ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރެއްވުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.