ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު މަދުކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދު މަދުވާ ގޮތަށް ގާނޫނު އިސްލާހު ކޮށްދޭން އެދި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ސޮއިކުރައްވާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ބަންޑާރަނައިބު މުހައްމަދު އަނިލް އަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދު މަދުކުރަން ފިނޭންސް މިނިސްޓްރީއިން ހުށަހަޅަނީ، ސިޔާސީ ޕާޓީތަކަށް މިހާރު ދޫކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރު ދައުލަތަށް ލިބޭ އާމްދަނީއާ އެކަށީގެންވާ މިންވަރެއްގައި ހިފަހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ އެވެ.
ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައިވަނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އެ އަހަރެއްގައި ފާސްކުރާ އަހަރީ ބަޖެޓުގައި ކަނޑައަޅާ އަދަދުގެ 0.05 އިންސައްތަ ކަމަށް ހަމަޖެއްސުމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ޖުމްލަ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެ ގޮތަކަށް ގާނޫނު އިސްލާހުކުރަން މިނިސްޓްރީއިން ވަނީ ހުށަހަޅާފަ އެވެ.
ފިނޭންސް މިނިސްޓްރީ އިން އެދިފައިވަނީ ވީހާ ވެސް އަވަހަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު މިގޮތަށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، 2016 ވަަނަ އަހަރާއި މިއަހަރުގެ ފައިސާ ފިނޭންސް މިނިސްޓްރީއިން ޕާޓީތަކަށް ދޫކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ދައުލަތުގެ ބަޖެޓުން މިއަހަރު ވެސް 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއާއި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.7 މިލިޔަން ރުފިޔާ އެވެ.
މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ފައިސާ ދުލެއް ނުކުރެ އެވެ.