މުޅި އޭޝިއާގައި ވެސް ނިސްބަތުން އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ދިވެހިރާއްޖެ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅިވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނިތައް އަދާކޮށް، ސާރޕްލަސް ބަޖެޓެއް ފާސްކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް މިސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެންދާއިރު، ރާއްޖެއިން ނަގާފައިވާ ލޯނުތައް އިތުރުވެ، ދަރަނި އިންތިހާއަށް ބޮޑު ވެފައިވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.
"މިސަރުކާރުން ބުނީ މިސަރުކާރުގެ ދެވަނަ އަހަރު ރައްޔިތުންނަށް ސާރޕްލަސް ބަޖެއް ހޯދާދޭނަމޭ. ކޮބައިތޯ ސާރޕްލަސްވެފައި. މި ފެށެނީ މިސަރުކާރުގެ ފަސް ވަނަ އަހަރު، ހަތަރު އަހަރު ނިމިގެން ދިޔައިރު، ދައުލަތުގެ ބަޖެޓް 6 ބިލިއަނަށް ނާރާ ހަމަ އެންމެ މަހެއްވެސް ނެތް. އެހެންވީމާ މިސަރުކާރުގެ ފަސް އަހރުގެ ތެރޭގައި ހަމަ އެކަނި ބަޖެޓުން ކުރާ ޚަރަދުގެ ދަރަނި 30 ބިލިއަން ރުފިޔާއަށް އަރާނެ. މިއީ އަދި ބޮޑެތި ލޯނުތައް އެކަނި. 25 ބުރީގެ އިމާރާތަށް 145 މިލިއަން ޑޮލަރު، ބްރިޖަށް ލޯނުގެ ގޮތުގައި ނަގާ 150 މިލިއަށް ޑޮލަރު، އެއާރޕޯޓް ޕްރޮޖެކްޓަށް 900 މިލިއަން ޑޮލަރު، ސްވަރެން ބޮންޑު ގަންނަށް 200 މިލިއަން ޑޮލަރު. އައްޑު ހޮސްޕިޓަލް އަޅަން 23 މިލިއަން ޑޮލަރު. މިހުރިހާ އެއްޗެއް އެއްކޮށްލީމާ ގާތްގަނޑަކަށް 23 ބިލިއަން ހަމައެކަނި މިސަރުކާރުން ރާއްޖެ ދަރަނިކޮށްފި." ގަފޫރު ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ ލޯނާއި ބަޖެޓް ޑިފިސިޓްގެ ގޮތުގައި މި ދައުލަތް ބޮޑުތަނުން ދަރަނިވެރިވެފައިވާ ކަމަށާއި ހިސާބުތަކަށް ބަލާއިރު 53 ބިލިއަން ރުފިޔާއިން މުޅި ދައުލަތް ދަރުވާލާނެ ކަމަށެވެ. ގަފޫރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަންޏަކީ 32 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަނި ކަމަށެވެ. ނަމަވެސް ބޭރުގެ ދަރަނި 1.5 ބިލިއަން ޑޮލަރަށް މިސަރުކާރުގެ ވެރިކަމުގައި އަރާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ އަހަރު ނިމެން ދެމަހަށް ކައިރިވެފައިވަނިކޮށް ސަރުކާރުން ސާރޕްލަސް ބަޖެޓް ހުށަހެޅީ މިއަހަރަށް ކަނޑައެޅި ބަޖެޓް ހުސްވުމުން ކަމަށާއި ސާރޕްލަސް ބަޖެޓްގައި ކަނޑައަޅާފައިވާ ކަންކަން މިސަރުކާރުން ނުކުރާނެ ކަމަށެވެ. މިސަރުކާރުގެ ކޮންމެ ކަމަކީވެސް މަކަރާ އޮޅުވާލުން އެކުލެވިގެންވާ ކަންކަން ކަމަށާއި މިސަރުކާރަކީ ކޮރަޕްޝަނާއި ހިޔާނާތް ބޮޑުތަނުން ކުރަމުން އަންނަ ސަރުކާރެއް ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފަ އެވެ.