ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 10:32
އުމުރުން 29 އަހަރުގެ ސައިފުﷲ ސައިޕޮވް އަކީ އުޒްބަކިސްތާނުން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ މީހެއް
އުމުރުން 29 އަހަރުގެ ސައިފުﷲ ސައިޕޮވް އަކީ އުޒްބަކިސްތާނުން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ މީހެއް
ބީބީސީ
ނިއުޔޯކް ޓްރަކް ހަމަލާ
ނިއުޔޯކް ޓްރަކް ހަމަލާ:ހަމަލާ ދިން މީހާގެ މައްޗަށް ދައުވާކޮށްފި
• ހަމަލާއާއި އައިއެސްއާ ގުޅިފައިވާކަމަށް ބެލެވޭ ނޯޓެއް ވަނީ ފެނިފައި
• މި ހަމަލާ ދީފައިވަނީ އެމެރިކާއަށް ހިޖުރަ ކޮށްގެން އުޅޭ 29 އަހަރުގެ ޒުވާނެއް
އޮފިޝަލުން ވަނީ އެއީ ޓެރެރިސްޓް ހަމަލާއެއް ކަމަށް ބުނެފައި

ޕިކަޕެއް ދުއްވާފައި ގޮސް ޖައްސައި މަދުވެގެން އަށް މީހުން މަރާލުމާ ގުޅިގެން ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެމެރިކާގެ ޕްރޮސިކިއުޓަރުން ދައުވާ އުފުލައިފިއެވެ.

އުޒްބަކިސްތާނުން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ އުމުރުން 29 އަހަރުގެ ސައިފުﷲ ސައިޕޮވްގެ މައްޗަށް އިތުރު ތުހުމަތުތަކެއް ވެސް ކުރެއެވެ. އޭގެ ތެރޭގައި އައިއެސް ޖަމާއަތަށް ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ހިމެނެއެވެ.

ހަމަލާދިން ސަރަހައްދުގައި އޭނާގެ ގަޔަށް ފުލުހުން ބަޑިޖަހައި ޒަޚަމްކޮށްލާފައިވާއިރު އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ޕްރޮސިކިއުޓަރުން ބުނީ އޭނާއަށް ލިބިފައިވާ ހަނުހުރުމުގެ ހައްގު ފަދަ ހައްގުތައް ދޫކޮށްލުމަށް ފަހު ބަންދުގައި ހުރެ ވާހަކަ ދައްކާފައިކަމަށެވެ

އަންގާރަ ދުވަހު ދިން މި ހަމަލާ ދީފައި ވަނީ ނިއުޔޯކްގެ ލޯވަރ މެންހަޓަންގައި ބައިސްކަލް ލޭނަށް ޕިކަޕެއް ވައްދާލައިގެންނެވެ. ބައިސްކަލް ދުއްވި މީހުންގެ އިތުރުން ކުޑަކުދިންގެ ގައިގައި ވެސް ޕިކަޕުން ޖެހިފައިވެއެވެ.

ހަމަލާދިން ސަރަހައްދުގައި ހަ މީހަކު މަރުވެފައިވާއިރު އަނެއް ދެ މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގައެވެ. ބާރަ މީހުން ޒަޚަމްވެފައިވާއިރު ނުވަ މީހުން އަދިވެސް ތިބީ ހޮސްޕިޓަލުގައެވެ.

ސައިޕޮވް ބުނެފައިވާ ގޮތުގައި މީގެ ދެމަސް ކުރިން އޭނާ ވަނީ މި ހަމަލާ ރާވާފައެވެ.

ހަމަލާއަކީ ގަސްތުގައި ދީފައިވާ ހަމަލައެއްކަމަށް ބުނެފައިވާއިރު، ހެލޯވިން ނުވަތަ އޮކްޓޯބަރު 31 ގައި ޔަހޫދީން ފާހަގަކުރާ އީދާ ދިމާކޮށް މި ހަމަލާ ދީފައި ވަނީ އެފަދަ މުނާސަބަތެއްގައި މަގުމަތީގައި މީހުން ގިނަވާނެތީކަމަށް އޭނާ ބުނެއެވެ.

ޕިކަޕުގައި އައިއެސްގެ ދިދަ ހަރުކުރަން ބޭނުންވި ނަމަވެސް އެކަން ކޮށްފައި ނުވަނީ ހަމަލާގެ ކުރިން ގިނަ ބައެއްގެ ސަމާލުކަމަށް އެ ޕިކަޕު އަތުވެދާނެތީ ކަމަށް ބުނެފައެވެ.

ސައިފުﷲ ސައިޕޮވް އަކީ 2010 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކޮށްފައިވާ، ގަވައިދާ އެއްގޮތަށް އެގައުމުގައި ރަށްވެހިވެފައިވާ މީހެކެވެ. ނިއު ޖަރޒީއަށް ބަދަލުވުމުގެ ކުރިން ފްލޮރިޑާގައި ދިރިއުޅެމުންދިޔަ ސައިފުﷲ އޫބަރގެ ޑްރައިވަރަކަށް އުޅެމުންދާކަމަށް އެ ކުންފުނިން ޔަގީން ކޮށްދެއެވެ.

 

 

- ކޮމެންޓް