ގާނޫނީ ވަކީލު މަހުފޫޒް ސައީދުގެ ބޮލަށް ވަޅި ޖެހި މައްސަަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ތިން މީހުން ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުފޫޒު މަރާލަން އުޅުނު ކަމުގެ ދައުވާ ލިބޭ ތިން މީހުން ކޯޓުން ދޫކޮށްލީ އާދިއްތަ ދުވަހު އެވެ. ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލާފައިވާއިރު، އެ ޝަރުތުތައް ސާފުކުރެވޭގޮތް ވަނީ ނުވެފަ އެވެ.
އެ މީހުން ދޫކޮށްލާފައިވާއިރު، ދައުލަތަށް ހެކިން ހާޒިރުނުކުރެވިގެން ޝަރީއަތް ވަނީ ދިގުދެމިގެން ގޮސްފަ އެވެ.
މަހުފޫޒުގެ ބޮލަށް ވަޅި ޖެހީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ހަވީރު މާވެޔޮމަގު، ވާދީ ފްރެޝް ފިހާރަ ކައިރިންނެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ ފިރާޒް ޖައުފަރާއި، ޚާލިދު ނަފީއުގެ އިތުރުން އަހުމަދު ރާއިދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ.
އެ ތިން މީހުންގެ ތެރެއިން ރާއިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައި ވަނީ ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރަން އުޅުމަކީ ނުވަތަ މަރަން އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.
ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރުގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު ވަނަ މީހާ ކަމުގައިވާ ޝަފްރާޒު އިބްރާހީމް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ. ޝަފްރާޒް ހޯދަން އިއުލާނުކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ. ނަމަވެސް އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެ އެވެ.
އައިޖީއެމްއެޗް އިން އެއިރު ބުނެފައިވާ ގޮތުގައި މަހުފޫޒުގެ ބޮލަށް ވަޅި ހަރާފައި ހުރީ ލޮލުގެ ފަހަތުން ސިކުނޑީގެ ކުރިމައްޗަށްވާ ގޮތަށެވެ. އަދި ވަޅި ހަރާފައި ހުރީ ވަރަށް ނުރައްކާތެރި ހިސާބަކަށް ކަމަށާއި ވަޅި ދެ އިންޗި ފުންމިނަށް ހެރިފައި ހުރި ކަމަށް ވެސް ބުންޏެވެ. މަހުފޫޒުގެ ބޮލުގެ ވައަތްފަރާތަށް ހަރާފައި ހުރި ވަޅި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ ހަތަރު ޑޮކްޓަރުންގެ ޓީމަކުންނެވެ. އެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި އެވެ. ސްރީ ލަންކާއިން މަހުފޫޒް އިތުރު ފަރުވާ ވެސް ހޯއްދެވި އެވެ.
އެ ހަމަލާ ދިން އިރު މަަހުފޫޒް މަސައްކަތް ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގަ އެވެ.
މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އެ "ނާތަހުޒީބު، އަނިޔާވެރި" ހަމަލާ ކުށްވެރިކުރާ ކަމަށާއި ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.
މަހުފޫޒަށް ދިން ހަމަލައާ ގުޅިގެން ހިތްދަތި އިހުސާސްތަކެއް ކުރެއްވެވުނު ކަމަށް ފާހަގަކުރައްވާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ މީހަކު ދައްކާ ވާހަކައަކުން ކުރާ ކަމަކުން އެފަދަ ގޮތަކަށް މީހަކާ މެދު އަމަލު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެފަދަ ލާއިންސާނީ ކަންކަން ހުއްޓުވަން ސަރުކާރުން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.