ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 06:23
ޖޯން ކީލްސްއިން ރާއްޖޭގައި ހިންގާ ސިނަމަން ހަކުރާ ހުރާ ރިޒޯޓް
ޖޯން ކީލްސްއިން ރާއްޖޭގައި ހިންގާ ސިނަމަން ހަކުރާ ހުރާ ރިޒޯޓް
ޖޯން ކީލްސް ހޮޓެލްސް
ޖޯން ކީލްސް
ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް
ރާއްޖެއާއި ލަންކާގައި އެކުންފުނިން ހިންގާ ބައެއް ރިޒޯޓްތަކުގެ ކޮޓަރިތައް ވަނީ މަރާމާތަށް ބަންދުކޮށްފައި

ރާއްޖެއާއި ލަންކާގައި ހިންގާ ހޮޓާތަކުގެ ގިނަ ކޮޓަރިތަކެއް މަރާމާތަށް ބަންދުކުރުމާއި ގުޅިގެން ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ޖޯން ކީލްސްގެ ފައިދާ މިއަހަރުގެ 3ވަނަ ކުއާޓަރގައި ދަށަށް ހިނގައްޖެއެވެ.

މިއާއިއެކު ލަންކާގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 24 ލަންކާ ސެންޓުން 7 ލަންކާ ސެންޓަށް ވެއްޓިފައިއެވެ. ޖޯން ކީލްސްއިން ލަންކާގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޕަޓީކަމަށްވާ 133 ކޮޓަރީގެ ބެންތޯޓާ ބީޗް ހޮޓެލް ވަނީ މިއަހަރުގެ ޖުލައި މަހު މަރާމާތަށް ބަންދުކޮށްފައެވެ. 4 ތަރީގެ މިހޮޓާ މަރާމާތަށްފަހު 150 ކޮޓަރީގެ ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ދެން ހުޅުވާނީ 2019ވަނަ އަހަރު ފަހުކޮޅެވެ.

ޖޯން ކީލްސްގެ ރާއްޖޭގެ ރިޒޯޓްތަކުގެ 25 އިންސައްތަ ކޮޓަރިތައްވެސް މިހާރު ހުރީ މަރާމަތަށް ބަންދުކޮށްފައިކަމަށް އެކުންފުނިން ބުނެއެވެ. ޖޯން ކީލްސްގެ ލަންކާ ހޮޓާތަކަށް މިއަހަރުގެ 3ވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާއަށް ލިބިފައިވަނީ 186.7 މިލިއަން ސްރީލަންކަން ރުޕީޒްއެވެ. މިދިޔަ އަހަރުގެ 3ވަނަ ކުއާޓަރގައި ލަންކާ ޕްރޮޕަޓީތަކުން 205.3 މިލިއަން ރުޕީޒްގެ ފައިދާ އެކުންފުންޏަށްވިއެވެ.

މިއަހަރުގެ 3ވަނަ ކުއާޓަރަގައި 82.8 މިލިއަން ރުޕީޒްގެ ގެއްލުމެއް ރާއްޖޭގެ ޕްރޮޕަޓީތަކުން ލިބުނުއިރު، މިދިޔަ އަހަރުގެ މި ކުއާޓަރގައި 144 މިލިއަން ރުޕީޒްގެ ފައިދާއެއްވިއެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް މިއަހަރު ޖޯންކީލްސް ހޮޓެލްސްއަށް ލިބުނު ގެއްލުމުގެ އަގު 130 މިލިއަން ރުޕީޒްއަށް އަރައެވެ. މިއީ ހިއްސާއަކަށް 9 ސެންޓުގެ ގެއްލުމެކެވެ. ޖޯން ކީލްސް ހޮޓެލްސްގެ މައި ހިއްސާދަރަކީ ޖޯންކީލްސް ހޮލްޑިންގްސްއެވެ. އެކުންފުނިން 80 އިންސައްތަ ކޮންޓްރޯލްކުރާއިރު، 2ވަނަޔަށް އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރަނީ ލަންކާގެ ސަރުކާރުން ހިންގާ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުންނެވެ. އެފަންޑުން އެކުންފުނީގެ 5 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރެއެވެ.

- ކޮމެންޓް