ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާން ހުށަހަޅުއްވަން ބޭނުންކަމަށާއި، އެހެން ނަމަވެސް ޤާނޫނާއި ޚިލާފަށް ބަންދުކޮށް ހައްޤުތައް ނިގުޅައިގަނެ ހިފަހައްޓާފައިވާތީ މާލީ ބަޔާން ހުށަހެޅެން ނެތްކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް އެޑްރެސްކުރައްވައި ފާރިސް ފޮނުއްވި ސިޓީއެއްގައިވަނީ ޤާނޫނާއި ޚިލާފަށް ބަންދުކޮށް މިނިވަންކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ލިބެންޖެހޭ އިމްތިޔާޒުތަކާއި ހައްޤުތަކަށް ޤާނޫނާއި ޚިލާފަށް މަޖިލީހުގެ ރައީސާއި ދައުލަތުގެ އިދާރާތަކުން ތަފާތު އެކި ގޮތްގޮތުން ހުރަސް އަޅުއްވާފައިވުމުގެ ސަބަބުން ފާއިތުވި އަހަރުގެ މާލީ ބަޔާން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ހުރަސް އަޅާފައިވާކަމަށެވެ.
ފާރިސްގެ ވަކީލު އަދި ދެބެންގެ ދެދަރި ބޭބެ މައުމޫން ހަމީދުވަނީ މި ސިޓީ ޢާއްމުކުރައްވާފައެވެ.
.@afarismaumoon notifies @mvpeoplesmajlis that obstruction by State officials prevents him from filing his asset declaration as required. pic.twitter.com/PQsJqJMxV4
— Maumoon Hameed (@maanhameed) October 31, 2017
މި ސިޓީގައި ފާރިސްވަނީ ޖުލައި 18އިން ފެށިގެން ދޮގު ތުހުމަތެއްގައި ޖަލުގައި ބަންދުކުރައްވާފައި ހުންނަވާކަން ފާހަގަކުރައްވާފައެވެ. އަދި މެމްބަރަކު ބަންދުކޮށްފިނަމަ މަޖިލީހުގެ ޤަވާޢިދާއި، އިމްތިޔާޒްތަކުގެ ޤާނޫނުގައި ލާޒިމްކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި މަޖިލީހުގެ އަމީން އާއްމު އަދި މަޖިލީހުގެ އިދާރާއިން ކަންކޮށްފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މަޖިލިސް މެމްބަރެއްގެ މަސައްކަތްކުރެއްވުމަށް ފާރިސްއަށް މަޖިލީހުގެ އިދާރާއިން އެހީތެރިކަން ލިބިފައިނުވާއިރު، މާލީ ބަޔާން ހުށަހެޅުމަށް މަސައްކަތްކުރުމަށް ދައުލަތުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އެހީތެރިކަން ފޯރުކޮށްދީފައިނުވާކަމަށްވެސް ފާރިސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެހިނގާ އަހަރެއްގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފާއިތުވި އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.
މާލީ ބަޔާން ހުށަހެނޭޅުއްވޭ ސަބަބު ބަޔާންކުރައްވައި މަޖިލީހަށް ފާރިސް ސިޓީ ފޮނުއްވާފައިވާއިރު، ޕީޕީއެމްގެ ދިދައެއް ބޭނުންކުރެއްވި މައްސަލައެއްގައި ފާރިސްގެ މައްޗަށް އުފުލިފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ ހެނދުނު 11:30އަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ.