ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ. އަށް ވަޑައިގަންވަންނަވަން ފައްޓަވައިފި އެވެ.
ހއ. ދިއްދޫގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ލަތީފް، ދިއްދޫއަށް ވަޑައިގެންފައިވާއިރު، އެ ރަށުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި އަދިވެސް ރައްޔިތުން ގަބޫލުކުރާގޮތުގައި ދާއިރާގެ މެމްބަރަކީ އަބްދުލް ލަތީފް މުހައްމަދުކަން ވަނީ ހާމަކޮށްދީފަ އެވެ.
މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ލަތީފް ޕާޓީ ބަދަލުކުރިކަމަށްބުނެ އޭނާގެ ގޮނޑިގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ގޮނޑިގެއްލިއްޖެކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން މިހާތަނަށްވެސް ލަތީފްގެ ގޮނޑިގެއްލިފައިވާކަން އިއުލާންކޮށްފައެއް ނުވެ އެވެ.
މީގެއިތުރުން ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީގެ ޓީމެއް ވަނީ ބުދަ ދުވަހުގެ ރޭ ހއ. އަށް ވަޑައިގެންފަ އެވެ. އެ ޓީމުގައި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމާއި، ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން ޤައުމި މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިތުރު ޓީމެއް ބުރާސްފަތި ދުވަހުވެސް ހއ. އަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ.ހުސެއިން ރަޝީދު ހަސަންނާއި، އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުޤައްރިރު ސިދާތާ ސަރީފާއި، އެމްޔޫއޯގެ ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ އެވެ.
ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވާއިރު، އެ ރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ވަނީ ދާދިފަހުން ސަސްޕެންޑްވެސް ކޮށްފަ އެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ ދިއްދުގައި ބާއްވާ ޖަލްސާއަކީ ފޯރިގަދަ ޖަލްސާއަކަށްވެގެންދާނެ އެވެ.