2014ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ކޯލިޝަން ނުހަދައި ވަކިން ވާދަކުރިނަމަ ޕީޕީއެމްއާއި އެއްވަރަށް ގޮނޑި ލިބުނީސްކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް ލިބުނު މަޖިލިސް ގޮނޑިތަކަކީ ޕީޕީއެމްއާއިއެކު އޭރު ޖުމްހޫރީ ޕާޓީއިން ހެދި އެއްބަސްވުމުގެ ދަށުން ޕީޕީއެމްއިން ކޮށްދިން މަސައްކަތުން ލިބުނު ގޮނޑިތަކެއްކަމަށް ބުދަ ދުވަހު ދ. މާއެނބޫދޫގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެން، އިނގިރޭސިބަހުން ކުރެއްވި ޓްވީޓެއްގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެކަނި ވާދަކުރިނަމަ ޖޭޕީއިން ޕީޕީއެމްއާއި އެއްވަރަށް ގޮނޑިތައް ހޯދާނެކަމަށެވެ. އަދި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ އޭގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.
In 2014 JP could have won an equal no. of seats in parliament as PPM had we stood alone. The first round of 2013 pres. elections is proof
— Abdullah Kamaludeen (@akdeen) November 1, 2017
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2014ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ މަސައްކަތްކުރީ ޕީޕީއެމްއާއިއެކު ކޯލިޝަން ހަދައިގެންނެވެ. އެހެން ނަމަވެސް މަޖިލިސް އިންތިޚާބަށްފަހު ގިނަ ދުވަސްތަކެއް ނުވެ އެކޯލިޝަން ރޫޅުނެވެ.
ރައީސް ޔާމިން ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުިއްވާ ޖުމްހޫރީ ޕާޓީގެ އަނެއް ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމިންއަށް ވެރިކަން ހޯދައިދިނުމަށާއި ދެމެހެއްޓުމަށް ޕީޕީއެމްއާއި ޖޭޕީ ވީ އެއްބަސްވުމުގެ ދަށުން ޖުމްހޫރީ ޕާޓީއަށް ކަނޑައެޅި ދާއިރާތަކަށް 2014ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ރައީސް ޔާމިން ކެންޑިޑޭޓުން ނެރެގެން ހަޑިހޭވިކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފުރިހަމަ ތާޢީދާއި އެކުގައި ކަމަށާއި، އެތާޢީދު ނުލިބުނުނަމަ ރައީސް ޔާމީން ކަހަލަ ރައްޔިތުން ފޫހިވާ ވެރިޔަކަށް ވެރިކަން ނުލިބޭނެކަމަށް އަމީން ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަޖިލިސް އިންތިޚާބަށް އިޝާރާތްކުރައްވައި އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ގޮނޑިތައް ކާމިޔާބުކުރީ ރައީސް ޔާމީންގެ ފޮޓޯ ދައްކައިގެން ނޫންކަމަށާއި، އެމަނިކުފާނުގެ މޫނަކީ އެހާ މަޤްބޫލު މޫނެއް ނޫންކަމަށެވެ.
RY verikan hoadhumaa dhemehettumah Ppm JP vee ebbasvumuge dhashun JPah kandaelhi dhaairrathakah RY ehen candidatun nerigen hadi heyvi.
— Ameen Ibrahim (@ameenmaldives) November 1, 2017