ކެންޔާގައި މިދިޔަ ބުރާސްފަތި ދުވަހު އަލުން ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ކެންޔާގެ ފުލުހުން މިހާތަނަށް 13 މުޒާހިރީއަކު ބަޑި ޖަހާ މަރާލާފައިވާ ކަމަށް ކެންޔާގައި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕެއް ކަމަށްވާ އިންޑިޕެންޑެންޓް މެޑިކޯ ލީގަލް ޔުނިޓުން ބުނެފިއެވެ.
ކެންޔާގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ ބޯއިކޮޓް ކުރައްވާފައެވެ. ކެންޔާގައި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕެއް ކަމަށްވާ އިންޑިޕެންޑެންޓް މެޑިކޯ ލީގަލް ޔުނިޓުން ބުނީ އޮކްޓޯބަރު 25 އާއި 28 އާ ދެެމެދު، ފުލުހުން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ 64 ކޭސްއެއް ރެކޯޑު ކުރެވިފައިވާ ކަމަށާއި، 34 މީހެއްގެ ގަޔަށް ބަޑިވެސް ޖަހާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 13 މީހަކު މަރުވެފައިވާ ކަމަށެވެ.
ކެންޔާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަަބަދުވެސް ތުހުމަަތު ކުރަމުން ދަނީ ކެންޔާގެ ދައުލަތުން ދަނީ އިދިކޮޅު ފަރާތްތަކުގެ އަޑުކަޑުވާލުމަށް މަސައްކަތްކުރަމުންކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ގާބޫލުނުކުރައްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ، އަންގާރަ ދުވަހު ރިޕޯޓަރުންނަށް ވިދާޅުވީ ކެންޔާއަށް "ޑިމޮކްރަސީ ގެނައުމަށްޓަކައި" ސިޔާސީ ކެމްޕޭނެއް ފަށްޓަވާނެ ކަމަށެވެ. ކެންޔާގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބު، މިހާރުގެ ރައީސް އުހުރު ކެންޔައްޓާ ކާމިޔާބު ކުރެއްވީ 98 ޕަސެންޓް ވޯޓާއެކުގައި ކަމަށެވެ. އިންތިޚާބުގައި ވޯޓު ލީ ވޯޓު ލެވޭ އާބާދީގެ 38.8 ޕަސެންޓް މީހުންނެވެ.
ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ ޗެއާމަން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބަކީ "މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް" ކަމަށެވެ.
ކެންޔާގައި ބުރާސްފަތި ދުވަހު އަލުން ބޭއްވި އެގައުމުގެ ރިޔާސީ އިންތިޅާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ޕެޓިޝަން ސުޕްރީލް ކޯޓުން ބެލޭގޮތެއް ނުވިއެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ފަސްކުރުމާ ބެހޭ ޕެޓިޝަން އެ ކޯޓަށް ބެލޭގޮތް ނުވީ ފަނޑިޔާރުންގެ ކޯރަމް ހަމަނުވުމާ ގުޅިގެން ކަމަށެވެ. މައްސަަލަ ފައިސަލާ ކުރުމަށް ކޯޓަށް ހާޒިރުވީ ދެ ފަނޑިޔާރުންނެވެ. ކޯރަމް ހަމަވާނީ ފަސް ފަނޑިޔާރުން ތިބިގެންނެވެ.
ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް އެގައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔައްޓާ އެވެ.