ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެ މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެން ޖެހިއްޖެ ނަމަ އެކަމަށް އެމްޑީޕީން ވެސް އެއްބަސްވެ ކުރިއަށްދާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރުމަށް ކުރާ މަސައްކަތަށް ހުރަހަކަށްވެގެން ރައީސް ނަޝީދު ވަކިން ވާދަ ކުރައްވަން ބޭނުންފުޅުވުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައި ބައިތިއްބައިގެން ބާއްވާ އިންތިހާބަކީ ސައްހަ އިންތިހާބަކަށްވާނެ ކަމަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ވިދާޅުވީ އެއީ އެމްޑީޕީގެ ވެސް ވިސްނުން ކަމަށެވެ.
" ރައީސް ނަޝީދު ހުރަކަށްނުވާނެ އެއް ކެންޑިޑޭޓެއް ނެރެން ޖެހޭ ހާލަތެއް މެދުވެރިވެގެން އެ ހާލަތައް ދިއުމަށްޓަކައި. ރައީސް ނަޝީދަކީ އެކަމަށް ހުރަސްއަޅުއްވާނެ ބޭފުޅަކަށްނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ ޕާޓީތަކުން ބޭނުންވާ ކެނޑިޑޭޓަކަށް ވާދަކުރެވޭނެ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މީގެ ކުރިން އެއްބަސްވެފައިވާނެ ކަމަށާއީ އަދިވެސް ޕާޓީތައް އޮތީ އެއްބަސްވުމާ އެއްގޮތައް ކުރިއަށް ދިއުމަށް ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފަހު ނޭވާއާ ހިސާބަށް ތިބޭނީ މި ގޮތުގައި މި އެއްބަސްވުން މަތީގައި،" އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ މި ސަރުކާރު ބަދަލު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތައް އެއް ކެނޑިޑޭޓެއް ނެރެ އިންތިގާލީ ވެރިކަމެއް ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ.