ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަ ދޮޅުއަހަރު ފަހުން ސާބިތުވީތީ ހަމްދު ކުރައްވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަހީދު އިޝާރާތް ކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ ޗެކްތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވުމާ ގުޅޭ ގޮތުންނެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގެ ޔޫޓިއުބް ލިންކެއް އެޓޭޗް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 1 އަހަރާ 8 މަސް ފަހުން ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގަ ރައްޔިތުންނަށް ދެއްކި ވާހަކަ ސާބިތު ވުމުން ހަމްދު ކުރައްވާ ކަމަށެވެ.
1 aharaa 8 mas fahun, @Raajje_tv fala surukhee program ga rayyithunnah dhekki vaahaka saabithu vumun hamdhu kuran.https://t.co/nquPE9pJij pic.twitter.com/Xp6CudMsU5
— Ali Waheed (@ali20waheed) November 1, 2017
އަލީ ވަހީދު އެޓޭޗް ކުރައްވާފައިވާ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގެ ވީޑިއޯގައި އަލީ ވަހީދުވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކަންތައް ގަނޑުގައި ޝާމިލްވާ އެސްއޯއެފް ކުންފުނީގެ 5 ލައްކަ ޑޮލަރުގެ ޗެކެއް ޖަމާކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޢަލީ ވަހީދު ވަނީ އެއެކައުންޓް ނަމްބަރާއި އެޗެކް ޖަމާކުރި މުވަޒްފްގެ ނަންފަދަ ވަރަށް ގިނަ ތަފްސީލްތައް ހިމަނާފައެވެ.
އަލީ ވަހީދު މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން، ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް އެއް މިލިއަން ޑޮލަރު(15.42 މިލިއަން ރުފިޔާ) ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
ރައީސް ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް ފަސް ލައްކަ ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު އޭސީސީން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ، ރައީސް ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފަސް ލައްކަ އެމެރިކާ ޑޮލަރު (7.7 މިލިއަން ރުފިޔާ) ޖަމާކުރިކަމާއި އަދި 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ވެސް ފަސް ލައްކަ ޑޮލަރު ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓަށް ޗެކު ޖަމާކުރަން ދިޔައީ އެސްއޯއެފް ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ކަމަށް އޭސީސީން ބުނެފައި ވެއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން އަދި ކޮން ބޭނުމެއްގައި ޖަމާކޮށްފައިވާ ފައިސާ ކަމެއް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.
ކޮމިޝަނުން ބުނީ މި މައްސަލައާ ގުޅިގެން ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ތަހުގީގުގައި ސުވާލުކުރެވުނު ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީ އާއި އެ ކުންފުނީގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކުރުމަށް ކުރި މަސައްކަތުން އެފަރާތްތައް ހާޒިރުކުރެވިފައިނުވާ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.
އެސްއޯއެފް ކުންފުނީގެ ހިއްސާދާރުން ރާއްޖެ ގެނެއުމަށް ފުލުހުންގެ އިދާރާއިން އެފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވާ ކަމާއި އެހެންނަމަވެސް މިހާތަނަށް ރާއްޖެ ގެނެވިފައިނުވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.